ހުޅަނގު އައްސޭރިން ގޭހާއި ހަކަތަ ޔަހޫދީ ސިފައިންގެ ދަށަށް ގެންދިއުމަށް އާ އަމުރެއް

ހިފާފައިވާ ހުޅަނގު އައްސޭރީގެ ގުދުރަތީ ގޭހާއި ހަކަތަ މުޅިން އެކުއެކީގައި އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައި، ޔަހޫދީ ޖެނޮސައިޑް ސިފައިންގެ "ސެންޓްރަލް ކޮމާންޑް" ގެ ވެރިޔާ އާ އަސްކަރީ އަމުރެއް ފާސްކޮށްފިއެވެ. ޔަހޫދީ ރެޖީމްގެ ރަސްމީ އިދާރާތަކުން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ ވަޒަންވެރިންގެ މަޝްރޫޢުތައް ވަރުގަދަކޮށް، އެތަންތަނުގެ އިންފްރާސްޓްރަކްޗާ ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ.

އިސްރާއީލުގެ "ސަރޫޖީމް" ނިއުސް ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަސްކަރީ އަމުރުގެ ދަށުން ފުރަތަމަ ފަހަރަށް ހުޅަނގު އައްސޭރީގައި ގުދުރަތީ ގޭސް އެތެރެކުރުމާއި، ބެހުމާއި، އަދި ސަޕްލައިކުރުން ބަލަހައްޓާނެ ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑެއް އެކުލަވައިލެވޭނެއެވެ. މީގެ ބޭނުމަކީ ގާނޫނީ ހުރަސްތައް ނައްތާލައި، އެ ސަރަހައްދުގެ އިގްތިސާދީ އަދި ސިނާއީ ތަރައްގީއަށް އެހީތެރިވެދޭނެ ފަދަ ޒަމާނީ ހަކަތައިގެ ނެޓްވޯކެއް ގާއިމުކުރުން ކަމށް ޔަހޫދުން ބުނެއެވެ.

މި އަސްކަރީ އަމުރު ނެރެފައިވަނީ ޔަހޫދީންގެ ޑިފެންސް މިނިސްޓްރީއާއި، ޖެނޮސައިޑް ސިފައިންގެ ސެންޓްރަލް ކޮމާންޑާއި، އިސްތިއުމާރީ ސިވިލް އެޑްމިނިސްޓްރޭޝަންގެ އިތުރުން ހަކަތައިގެ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ތައްޔާރުކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

މި މަޝްރޫޢުގެ ދަށުން ޔަހުދީ އިސްތިއުމާރީ ބާރުތަކުން ބޭނުންވަނީ ހުޅަނގު އައްސޭރީގައި ހުރި ޔަހޫދީ ސެޓްލްމަންޓްތަކާއި އެތަންތަނުގެ ސިނާއީ ސަރަހައްދުތައް، ސީދާ ޔަހޫދީންގެ މައި ގުދުރަތީ ގޭސް ނެޓްވޯކާ ގުޅާލުމަށެވެ. މިއީ އެމީހުންގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކަމެކެވެ. ނަމަވެސް މިއީ ހުޅަނގު އައްސޭރީގެ މުހިންމު ވަސީލަތްތަކުގެ މައްޗަށް އިސްރާއީލުގެ އިދާރީ އަދި އިގްތިސާދީ ބާރު ހިންގައި، އެ ބިންތައް ރަސްމީކޮށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް އެޅި ފިޔަވަޅެކެވެ.

ޖެނޮސައިޑް ރެޖީމްގެ ޑިފެންސް މިނިސްޓަރު ޔިސްރާއީލް ކާޓްޒް ވަނީ މި އަމުރަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. އޭނާ ސިފަކުރު ގޮތުގައި މިއީ ހުޅަނގު އައްސޭރީގެ ސެޓްލްމަންޓްތަކަށް އަންނާނެ "ހަކަތައާއި ސަލާމަތީ އިންގިލާބެކެވެ."

މި އަސްކަރީ އަމުރުގެ ސަބަބުން ގޭސް ޕްލާންޓްތައް ބިނާކުރުމަށާއި، މައި ގޭސް ހޮޅިތައް އެޅުމަށާއި، އަދި ސަރަހައްދީ ސަޕްލައި ނެޓްވޯކްތައް ފުޅާކުރުމަށް ބޭނުންވާ ގާނޫނީ ހިމާޔަތް ޔަހޫދީންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ޔަހޫދީންނަށް އާބާދީ މަރުކަޒުތަކަށް ހުއްދަ ދިނުމާއި، މޮނިޓާކުރުމާއި، ގާނޫނު ތަންފީޒުކުރާނެ ހަރުކަށި އުސޫލުތަކެއް ކަނޑައެޅިގެންދާނެއެވެ. އަދި ޔަހުދީ އިސްތިއުމާރީ ސަލާމަތީ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ގޮތުން، މި ހަކަތައިގެ މަރުކަޒުތައް ބެލެހެއްޓުމަށް އަސްކަރީ ސިފައިންނާއި ސަލާމަތީ ނިޒާމުތައް އެތަންތަނުގައި ގާއިމުކުރުމަށްވެސް މި އަމުރުން މަގުފަހިކޮށްދެއެވެ.

ހިއްސާ ކުރައްވާ!