ގޭގައި އުޅޭ ކުރެއްޕަކީ ހީކުރާ ވަރަށް ވުރެން ނުރައްކާ އެއްޗެއް

ބަދިގޭގެ ބައްތި ނިވާލާ ކޮންމެ ފަހަރަކު، ނުވަތަ އައިސްއަލަމާރީގެ ފުރަގަހުން ކުއްލިއަކަށް ދުވެލާ ކުރެއްޕެއް ފެނުމުން އަހަރެމެންގެ ހިތަށް ވަންނަނީ ހަމައެކަނި ފަކުރުގަތުމުގެ އިހުސާސެކެވެ. މިއީ ހަމައެކަނި ފަކުރުގަންނަންޖެހޭ، ހަޑި އެއްޗެއް ކަމަށް ބަލައި ގިނަ މީހުން ފައިވާނުން ޖަހައި އެ ސޫފި މަރާލުމުން ނިންމާލަނީއެވެ. ނަމަވެސް، ސައިންސާއި ކެމިސްޓްރީގެ އަލީގައި ދާދިފަހުން ހާމަވި ހަގީގަތް މާ ބިރުވެރިއެވެ. އެ ސޮރަކީ ތިބާގެ ލޮލަށް ނުފެނުނަސް، ގޭތެރޭގެ ވައި ތަޣައްޔަރުކޮށް، ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ހިމޭން ދުޝްމަނެކެވެ.

"ޖާނަލް އޮފް އެލާޖީ އެންޑް ކްލިނިކަލް އިމިއުނޮލޮޖީ" މަޖައްލާގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާގޮތުގައި، ކުރައްޕަކީ ހަމައެކަނި ފަކުރުގަންނަ އެއްޗެއް ނޫނެވެ. އޭގެ ހަށިގަނޑުންނާއި ފާޚާނާއިން ގޭތެރޭގެ މާހައުލަށް ދޫކުރާ ކެމިކަލް މާއްދާތަކަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި، ނޭވާހިއްލުން ފަދަ ބޮޑެތި ބަލިތަކަށް މަގުފަހިކޮށްދޭ ވިހައެކެވެ.

ނޯތު ކެރޮލައިނާ ސްޓޭޓް ޔުނިވަރސިޓީގެ ސައިންސްވެރިންގެ ޓީމަކުން ވަނީ ކުރަފި ގިނައިން އުޅޭ ބައެއް ގޭގެއާއި، ކުރަފި ނޫޅޭ ސާފުތާހިރު ގޭގޭގެ ހިރަފުސް އެއްކޮށް، އެންމެ ޒަމާނީ ލެބޯޓްރީ ޓެސްޓުތަކުން ދިރާސާކޮށްފައެވެ. މިގޮތުން ވޭތުވެދިޔަ 50 އަހަރު ދުނިޔޭގެ މެޑިކަލް ސައިންސްގައި ރަން މިންގަނޑެއްގެ ގޮތުގައި ބަލާ "ލިމިއުލަސް އަމީބޯސައިޓް ލައިސޭޓް" (އެލްއޭއެލް) ޓެސްޓު ބޭނުންކޮށްގެން ހިރަފުހުގައި ހުރި މައިކްރޯސްކޯޕިކް މާއްދާތައް ދެނެގަތެވެ.

ނަތީޖާއިން އެނގުނު ގޮތުގައި، ކުރަފި ގިނަ ގޭގޭގެ ހިރަފުހުގައި "އެންޑޯޓޮކްސިންސް" ނުވަތަ އެތެރެހަށީގެ ވިހަ މާއްދާ ހުރި މިންވަރު ސާފު ގޭގެއަށްވުރެ އެތައް ގުނައެއް އިތުރެވެ.

"އެންޑޯޓޮކްސިންސް" އަކީ ކޮބާ؟

އެންޑޯޓޮކްސިންސް އަކީ ކުރަފީގެ ބަނޑާއި ހަށިގަނޑުގައި ދިރިއުޅޭ ބެކްޓީރިއާގެ ސެލްތަކުން އުފައްދާ ބާރުގަދަ ވިހަ މާއްދާއެކެވެ. މި ބެކްޓީރިއާތައް މަރުވެ ކުނިވުމުން، މި ވިހަ މާއްދާ ގޭތެރޭގެ ހިރަފުހާ އެކުވެއެވެ.

އަހަރެމެން ނޭވާލާއިރު ނޭނގި ނަމަވެސް މި ވިހަ މާއްދާތައް ހަށިގަނޑުގެ އެތެރެއަށް ދެއެވެ. އޭގެ ނަތީޖާއަކީ:

  • ދިފާއީ ނިޒާމު ހާސްވުން: ހަށިގަނޑުގެ އެތެރެއަށް މި ވިހަ ވަނުމުން، ދިފާއީ ނިޒާމުން ބާރުގަދަ ރިއެކްޝަނެއް އުފައްދައެވެ.
  • ދާއިމީ ބަލިމަޑުކަން: ގިނަދުވަސް ވަންދެން މިފަދަ މާހައުލެއްގައި އުޅުމުން ނޭވާލާ ހޮޅިތައް ދުޅަވެ، ކުޑަކުދިންނަށް ނޭވާހިއްލުމުގެ ނުރައްކާ ބޮޑުވެއެވެ.
  • ބޮޑެތި މައްސަލަތައް: މި ވިހަ ލޭގެ ތެރެއަށް ހިނގައްޖެނަމަ، ސެޕްޓިކް ޝޮކް ފަދަ ފުރާނައަށް ނުރައްކާވާ ހާލަތްތައް މެދުވެރިވެއެވެ.

އަންހެން ކުރަފީގެ ނުރައްކާ ދެގުނަ އިތުރު!

މި ދިރާސާއިން ފާހަގަވި އެންމެ ހައިރާންކުރުވަނިވި އެއް ހަގީގަތަކީ، އަންހެން ކުރަފިން ދޫކުރާ ވިހަ މާއްދާގެ މިންވަރު ފިރިހެންކުރައްޕަށް ވުރެ ދެގުނަ އިތުރުވުމެވެ. ސަބަބަކީ އަންހެން ކުރަފި ގިނައިން ކާނާ ކެއުމާއި، އޭގެ ސަބަބުން ގިނައިން ނަޖިސް ބޭރުކުރުމެވެ. އެހެންކަމުން ގޭގައި އަންހެން ކުރަފި ގިނަވާވަރަކަށް ގޭގެ ވައިގެ ނުރައްކާތެރިކަން ދެގުނަވެގެންދެއެވެ.

އަދި ބަދިގެއަކީ ކާނާއާއި ތެތްކަން ހުންނަ ތަނަކަށްވާތީ ބަލީގެ މަރުކަޒަކީ ބަދިގެއެވެ. ނަމަވެސް، މި ވިހަ މާއްދާތައް ހަމައެކަނި ބަދިގެއަކު ނުހުރެއެވެ. އޭސީ ނުވަތަ ވައި ދައުރުކުރާ ނިޒާމުގެ ތެރެއިން ގޮސް ނިދާކޮޓަރިއާއި ސިޓިންގ ރޫމާ ހަމައަށްވެސް މި ވިހަ ފޯރައެވެ.

އުފާވެރި ޚަބަރަކީ، ގޭގެއިން ކުރަފި މަރާލައި، ކުރައްޕާ ދެކޮޅަށް ފިޔަވަޅު އެޅިތާ މަދު ހަފްތާތަކެއްގެ ތެރޭގައި ގޭތެރޭގެ ހިރަފުހުގައި ހުރި މި ވިހަ މާއްދާގެ ލެވެލް ވަރަށް ބޮޑަށް ދަށަށް ދިޔަކަން ސައިންސްވެރިންނަށް ފާހަގަކުރެވުމެވެ.

މި ދިރާސާއިން އެނގެނީ ގޭގެ ސިއްހަތަކީ ހަމައެކަނި ލޮލަށް ފެންނަ ސާފުތާހިރުކަމެއް ނޫންކަމެވެ. އެއީ ލޮލަށް ނުފެންނަ މައިކްރޯސްކޯޕިކް މާއްދާތަކުންވެސް ރައްކާތެރިވުމެވެ. ޚާއްޞަކޮށް ވައި ދައުރުވުން ކުޑަވާ ތަންތަނާއި ކުރަފި މެރުމުގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުޑަކުދިންނަށް މި ނުރައްކާ ބޮޑުވެ، މިއީ ސިއްހީ ހައްލެއް ނެތް މައްސަލައަކަށްވެސް މިވަނީ ބަދަލުވެފައެވެ. ގޭތެރެއިން ކުރަފި ނައްތާލުމަކީ ހަމައެކަނި ފަކުރު ފިލުވުމެއް ނޫނެވެ. އެއީ ދަރިންގެ ފުރާނަ ސަލާމަތްކުރުމެވެ.

ހިއްސާ ކުރައްވާ!