14 އަހަރާއި 17 ކިލޯމީޓަރު: ނޭޕާލްގެ ނުރައްކާތެރި އެތް، އެއް އާއިލާއެއްގެ ހަތަރު މެންބަރުން ހޯދައި މަރާލައިފި!

މިއީ ފިލްމެއްގެ ބިރުވެރި ވާހަކައެއް ނޫނެވެ. މިއީ ޤަބޫލުކުރަން ދަތި، ނަމަވެސް ހަގީގީ ހާދިސާއެކެވެ. ނޭޕާލްގެ ޖަންގަލިތަކުގެ ތެރެއިން ނުކުމެ، އެއް އާއިލާއެއްގެ ފަހަތުން ދުވެ، ބަދަލުހިފުމުގެ ރޫހެއްގައި އުޅޭ ކަމަށް ސިފަކުރެވޭ ބިޔަ އެތެއްގެ ބިރުވެރި ވާހަކައެވެ. "ދުރްބޭ" ގެ ނަމުން ނަންދެވިފައިވާ މި އެތް، މީގެ 14 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް އެއް އާއިލާއަކަށް ދެމުންދާ އަނިޔާތަކުން މުޅި ނޭޕާލް ވަނީ ސިއްސުވާލާފައެވެ.

ކަތުމަންޑޫ ޕޯސްޓް ނޫހުން ހާމަކުރި ގޮތުގައި، މި އެތް ވަނީ 14 އަހަރުގެ ތެރޭގައި "ބޯޓޭ" އާއިލާގެ ހަތަރު މެންބަރުން ދުނިޔެއިން ވަކިކޮށްލާފައެވެ. އެ އާއިލާއިން ފުރާނައިގެ ސަލާމަތަށް އެދި، ފުރަތަމަ ޙަމަލާދިން ތަނާ 17 ކިލޯމީޓަރު ދުރަށް، ދެ ކޯރު ހުރަސްކޮށް ބަދަލުވި ނަމަވެސް، މި އެތް ވަނީ އެމީހުން ހޯދައި، ދާދިފަހުން އެ ގޭގެ ޅީދަރިއާއި 4 އަހަރުގެ ކުޑަ ދަރިފުޅު މަރާލާފައެވެ.

ހަތަރު އަހަރު ވަންދެން "މަރުވިކަމަށް" ހަދައިގެން ފިލައިހުރި އެތެއް

"ދުރްބޭ" ގެ މަރުގެ ދަތުރު ފެށުނީ 2010 ވަނަ އަހަރުއެވެ. އެ ސަރަހައްދުގެ ޗިތުވަން ނޭޝަނަލް ޕާކް ކައިރިން، 2012 ވަނަ އަހަރުގެ ޑިސެމްބަރު 16 ގައި މި އެތް ވަނީ ބޯޓޭ އާއިލާގެ މަންމައާއި ބައްޕަ ފައިދަށުލައި މަރާލާފައެވެ. އެ ހާދިސާއިން ސަލާމަތްވި އެމީހުންގެ ފިރިހެން ދަރިފުޅު، އޭނާގެ އާއިލާ ގޮވައިގެން ޖަގަތުޕޫރަށް ބަދަލުވީ އެ ސަރަހައްދާ މުޅިން ވަކިވެގަތުމަށެވެ.

ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، މި ބިޔަ އެތް ވަނީ އެމީހުންގެ އައު ގެއަށް ވަދެގަނެފައެވެ. ގޭގެ ފާރުތައް ވައްޓާލުމުން، ސަލާމަތްވާން ދުވި 25 އަހަރުގެ ޅީދަރިއާއި 4 އަހަރުގެ ކާފަދަރިފުޅު (ފުރަތަމަ މަރުވި މީހުންގެ މުނިކާފަދަރިފުޅު) އެތުގެ ޝިކާރައަކަށް ވިއެވެ. މި ހާދިސާގައި ސަލާމަތްވީ ހިކިވިނަގަނޑެއްގައި ރޯކޮށް، އެތް ބިރުގަންނަވަން އުޅުމުގެ ތެރޭގައި މުޅި ގެ އަނދައިގެން ދިޔަ ނަމަވެސް، ހަމައެކަނި ބޯޓޭގެ އަންހެނުންނެވެ.

މި އެތަކީ 2012 ގެ ހާދިސާއަށްފަހު ސަރުކާރުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި ޒަޚަމްކޮށްލުމުން، ޖަންގަލީގެ ތެރެއަށް ފިލައިގެން ދިޔަ އެތެކެވެ. އޭގެ ފަހުން 4 އަހަރު ވަންދެން އެ އެތް މަރުވީ ކަމަށް އެންމެން ގަބޫލުކުރިއެވެ. ނަމަވެސް، އެންމެން ހައިރާންކޮށްލުމަށްފަހު 2016 ވަނަ އަހަރު ދުރްބޭ އަލުން ފެނި، އޭގެ މަރުގެ ސިލްސިލާ ކުރިއަށް ގެންދިޔައެވެ. މިއަދާ ހަމައަށް މި އެތް ވަނީ ޖުމްލަ 25 މީހުން މަރާލާފައެވެ. މީގެ ތެރޭގައި ޝިކާރަވެރިން ހުއްޓުވަން އުޅުނު ދެ ސިފައިންވެސް ހިމެނެއެވެ.

އެތް ވަނީ އެކަނިވެރި، ރުޅިގަދަ ގާތިލަކަށް ބަދަލުވެފައި

ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، ދުރްބޭ ކުޑައިރު، އޭގެ އައިނުގެ ބާރުގަދަ ފިރިހެން އެތްތައް ވަނީ އޭނާ އައިނުން ބޭރުކޮށްލާފައެވެ. މީގެ ސަބަބުން އޭނާ ބަދަލުވީ އެކަނިވެރި، އަދި އިންސާނުންނަށް ނަފްރަތުކުރާ ޖަނަވާރަކަށެވެ. އޭނާ ކާނާ ހޯދުމުގެ މައިދާނަކަށް ހަދާފައިވަނީ އިންސާނުން އުޅޭ އަވަށްތަކެވެ.

ދުރްބޭ މޮނިޓަރ ކުރުމަށްޓަކައި 2020 އަދި 2023 ވަނަ އަހަރު އޭގެ ކަރުގައި ސެޓެލައިޓް ކޮލަރެއް ހަރުކުރެވުނެވެ. ނަމަވެސް، މި ސިސްޓަމުން މަޢުލޫމާތު ފޮނުވަނީ ކޮންމެ އެއް ގަޑިއިރަކުން އެއްފަހަރު ކަމަށްވުމުން، އެތް އަވަށާ ގާތްވާ ވަގުތު ދެނެގަނެ، ސިފައިންނަށް ވަގުތުން ފިޔަވަޅު އެޅުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ހިއްސާ ކުރައްވާ!