މި ހޫނު މޫސުމުގައި އިނގިރޭސިވިލާތަށް ކުރިމަތިވި ތިންވަނަ ހީޓްވޭވް އާއެކު، އެ ގައުމުގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް ރޭގަނޑުގެ ގަދަ ހޫނުގެ ސަބަބުން ނިދަން އުނދަގޫވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި މި ހަފްތާގެ ބަންދާ ދިމާވާއިރު ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް މަތިވާނެއެވެ. އަދި މިއަދުވެސް އިންގްލެންޑްގެ ބައެއް ހިސާބުތަކުގައި ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ. މިކަމާ ގުޅިގެން މާދަމާ ހެނދުނުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހޫނުގެ ރީނދޫ ސަމާލު ނެރެފައެވެ.
ތިމާވެށީގެ ޖަމްޢިއްޔާއެއް ކަމަށްވާ "ގްރީންޕީސް" އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ހަމައެކަނި ދުވާލު ހޫނުގަދަވަނީއެއް ނޫނެވެ. ރޭގަނޑުވެސް އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ނިދިން މަހުރޫމްވަމުންނެވެ. މޫސުން ބާލާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މާދަމާ އާއި ބުރާސްފަތި ދުވަހުގެ ރޭގަނޑު ވެގެންދާނީ ދުނިޔޭގެ ހޫނު ސަރަހައްދުތަކުގެ ރޭގަނޑާ އެއް ހާލަތަކަށެވެ. އެއީ ރޭގަނޑުވެސް ހޫނުމިން 20 ޑިގްރީ ސެލްސިއަސްއިން ދަށަށް ނުގޮސް ހުންނާތީއެވެ.
- ނިދި ގެއްލުން: ސާވޭގައި ބައިވެރިވި 3 މީހުންގެ ތެރެއިން 2 މީހުން ބުނި ގޮތުގައި ޖޫން މަހުގެ ހީޓްވޭވްގައި އެމީހުންނަށް ނިދަން އުނދަގޫވިއެވެ. އަދި ބައެއް މީހުންނަށް ރެއަކު މަދުވެގެން 3 ގަޑިއިރުގެ ނިދި ގެއްލުނެވެ.
- ގޭތެރެ ހޫނުވުން: %86 މީހުން ބުނި ގޮތުގައި އެމީހުން ދިރިއުޅޭ ގެތައް ހުންނަނީ ނުކަތާވަރަށް ހޫނުކޮށެވެ.
- ބަލިވުން: ދުބައިކުޅަ އެއްބައި މީހުން ބުނީ ހޫނުގެ ސަބަބުން އާއިލާގެ ކޮންމެވެސް މީހަކު ބަލިވި ކަމަށެވެ.
- މަސައްކަތު މާހައުލު: %60 މީހުން ބުނި ގޮތުގައި އެމީހުން މަސައްކަތްކުރާ އޮފީސްތައް ވަރަށް ހޫނެވެ. އަދި 10 މީހުންގެ ތެރެއިން 1 މީހަކު ގަބޫލުކުރާ ގޮތުގައި މަސައްކަތްކުރާ މާހައުލަކީ ސަލާމަތީގޮތުން ރައްކާތެރި ތަނެއް ނޫނެވެ.
އޮކްސްފޯޑް ޔުނިވަރސިޓީގެ ޑރ. ލޯރެންސް ވެއިންރައިޓް ވިދާޅުވި ގޮތުގައި، ހޫނުގަދަވުމުން ނިދުމަށް ވަރަށް ބޮޑަށް ބުރޫއަރައެވެ. މީގެ ސަބަބުން ދުވާލު މަސައްކަތް ކުރުމުގެ ގާބިލުކަން ދަށްވުމާއި، އެކްސިޑެންޓްތައް ގިނަވުމާއި، ކުދިންގެ ކިޔެވުމަށް އަސަރުކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ވެސް ދަށްވެގެންދެއެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، މި ހޫނުގެ ރާޅު ހަފްތާގެ ބަންދާ ހަމައަށް ދެމިއޮންނާނެއެވެ. އަދި އޭގެ ފަހުން ގަދަޔަށް ގުރުގުރަވައި ވާރޭވެހި، ހޫނުމިން ދަށްވާން ފަށާނެ ކަމަށް ލަފާކުރެވެއެވެ.






