ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް "އަމިއްލަ ވެރިކަމެއް" ގާއިމުކުރުމުގެ ރޭވުމެއް

ހުއްދަނެތި އިމާރާތްކުރާ ކަމުގެ ބަހަނާގައި، އިސްރާއީލުން ދަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނު މީހުންގެ ގެދޮރު ސުންނާފަތިކޮށް، އެމީހުންގެ ބިންތައް ފޭރެމުންނެވެ. އަދި ހަމައެއާއެކު، އާ ބޯހިޔާވަހިކަމުގެ ބައެއް ބިނާކޮށް ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށް އެބަގެންދެ އެވެ.

ފަލަސްޠީނުގެ މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ރާމަﷲ ގެ ހުޅަނގުން އޮންނަ ޝަޤްބާ އަވަށުގައި ފަލަސްޠީނު މީހުންގެ މުދަލަށް އިސްރާއީލުން ދޭ ހަމަލާތައް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. އަދި ނާބުލުސްގެ ދެކުނުން އޮންނަ އަވަށުގެ ބިންތައް ސުންނާފަތިކޮށް، އެތަނުގެ އިމާރާތްތައް އަސްކަރީ މަރުކަޒުތަކަކަށް ވަނީ ބަދަލުކޮށްފަ އެވެ.

އިސްރާއީލުގެ "ޕީސް ނައު" ޖަމްޢިއްޔާއިން ނެރުނު އާ ރިޕޯޓެއްގައިވާ ގޮތުން، ވޭތުވެދިޔަ 3 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމުގެމަސައްކަތް ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު މަރުހަލާތަކަކީ:

  • ފެބްރުއަރީ 2023: 10 ބޯހިޔާވަހިކަމެއްގެ ގާނޫނީ ހާލަތު ބަދަލުކޮށް، އާ 9 ޔަހޫދީ އާބާދީއެއް ހެދުމަށް އިސްރާއީލު ސަރުކާރުން ނިންމި އެވެ.
  • ޖޫން 2023: ޔަހޫދީ އާބާދީތައް ރޭވުމުގެ ނިޒާމު ބަދަލުކޮށް، ކޮންމެ މަރުހަލާއެއްގައި ދިފާއީ ވަޒީރުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އޮތް އޮތުން އުވާލި އެވެ.
  • ޖުލައި 2024: 5 ބޯހިޔާވަހިކަމެއް ރަސްމީ ޔަހޫދީ އާބާދީތަކަށް ބަދަލުކުރަން ނިންމި އެވެ. އަދި އޭގެ ފަހުން ނޮވެމްބަރު މަހުން ފެށިގެން މި ފަދަ މަޝްރޫއުތައް އަވަސްކުރުމަށް ހަފުތާއަކު އެއްފަހަރު ބައްދަލުވުންތައް ބާއްވަން ފެށި އެވެ.
  • މާރޗް 2025: ޔަހޫދީންގެ 13 އަވަށެއް، އަމިއްލަ މިނިވަން އާބާދީތަކަކަށް ބަދަލުކުރުމަށް ފާސްކުރި އެވެ.
  • މޭ 2025: އާ 22 ޔަހޫދީ އާބާދީއެއް ހަދާނެކަން އިއުލާނުކުރި އެވެ.
  • އޮގަސްޓް 2025: "އީ1″ ސަރަހައްދުގައި 3,400 ޔަހޫދީ ބޯހިޔާވަހިކަން ބިނާކުރުމުގެ ފައިނަލް ޕްލޭން ފާސްކޮށް، ޑިސެމްބަރު މަހު އޭގެ ބިޑްތައް ހުޅުވާލި އެވެ. އަދި ހަމަ އެ މަހު އާ 19 އާބާދީއެއް ހަދަން ނިންމި އެވެ.
  • މާރޗް 2026: އިތުރު 34 ޔަހޫދީ އާބާދީއެއް ހެދުމަށް އިސްރާއީލު ސަރުކާރުން ފާސްކުރި އެވެ.

ބޯހިޔާވަހިކަމުގެ އިންގިލާބެއް

ޔަހޫދީ އާބާދީތަކާ ބެހޭ މާހިރު ސާހިރު ޚަލީލިއްޔާ ވިދާޅުވީ، ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫގެ ސަރުކާރު އައީ ބޯހިޔާވަހިކަމުގެ އިންގިލާބެއް ގެނައުމުގެ ޝިއާރުގެ ދަށުން ކަމަށެވެ. އަދި ގާނޫނުތަކަށް ބަދަލު ގެނެސްގެން ސަރުކާރުން ވަނީ އެތައް ސަތޭކަ އާބާދީތަކެއް ހަދާފަ އެވެ.

މިހާރު ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ބޯހިޔާވަހިކަމުގެ ސަރަހައްދުތައް 360 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެތަންތަނުން ހުޅަނގު އައްސޭރީގެ 1.1 މިލިއަން ދޫނަމްހިޞާރުކުރެ އެވެ. މިއީ މުޅި ހުޅަނގު އައްސޭރީގެ ބިމުގެ 22 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެކެވެ.

ޚަލީލިއްޔާ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 112،000 ޔަހޫދީ ހައުސިން ޔުނިޓް ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 78،000 އަށްވުރެ ގިނަ ޔުނިޓް ހުޅަނގު އައްސޭރީގައި ހުރިއިރު، 34،000 އަށްވުރެ ގިނަ ޔުނިޓް ހުރީ ހިފާފައިވާ ގުދުސްގަ އެވެ.

އޭނާ އިންޒާރު ދެއްވި ގޮތުގައި، ޔަހޫދީ ކައުންސިލްތަކާއި ވަޒަންވެރިން މިހާރު ރާވަމުންދަނީ ހުޅަނގު އައްސޭރީގައި "ޔަހޫދީންގެ އަމިއްލަ ޒާތީ މިނިވަން ވެރިކަމެއް" ގާއިމުކުރުމަށެވެ. މި ސަރަހައްދަށް ބިމުގެ ހުރިހާ ބާރުތަކެއް ލިބިގެންވާއިރު، އެމީހުންގެ އަމިއްލަ އިގްތިސާދާއި، އަމިއްލަ އަސްކަރީ ލަޝްކަރެއް ވެސް ވަނީ އުފައްދާފަ އެވެ. އެ ލަޝްކަރުން ދަނީ ފަލަސްޠީނު މީހުންނަށް އަނިޔާކޮށް، ގަސްތައް ކަނޑައި، ބިންތައް ފޭރެމުންނެވެ.

ފަލަސްޠީނުގެ ނޭޝަނަލް އިނީޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޞްޠަފާ އަލްބަރުޣޫޘީ ވިދާޅުވީ، މިހާރުގެ އިސްރާއީލު ސަރުކާރުގެ ބޭނުމަކީ ބިންތައް ފޭރި، އެތަންތަން ޔަހޫދީ ބިމަކަށް ހެދުމެވެ. އަދި މިކަން ކުރުމަށްޓަކައި ފަލަސްޠީނު މީހުން ބިރުގަންނަވަން ޔަހޫދީ ގޭންގުތައް ބޭނުންކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ އިސްރާއީލުގެ މާލީ ވަޒީރު ސްމޮޓްރިޗް އެވެ. އޭނާ "އިސްރާއީލް ހަޔޫމް" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، މި ސަރުކާރުން ހުޅަނގު އައްސޭރިއަށް އިންގިލާބެއް ގެނެސްފި ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި، މީގެ ބޭނުމަކީ ޔަހޫދީ އާބާދީތައް އެކަތިގަނޑަކަށް ހަދައި ގުޅުވާލުމެވެ. އަދި ފަލަސްޠީނުގެ ބިންތައް ވަކިވަކި ބައިތަކަކަށް ބަހާލައި ބައިބައިކޮށްލުމެވެ. ކުރިއަށް އޮތް އިންތިޚާބެއްގެ ކުރިން މިތަންތަނަށް ގާނޫނީ ހާލަތު ހޯދައިދެނީ، މުސްތަގުބަލުގައި އަންނަ ސަރުކާރަކަށްވެސް އެތަންތަން ހުސްކުރަން އުނދަގޫކުރުމުގެ ގޮތުންނެވެ.

އިސްރާއީލުގެ "ހާއާރެޓްޒް" ނޫހުން ރިޕޯޓްކުރި ގޮތުގައި، ހުޅަނގު އައްސޭރީގައި މިހާރު ހިނގަމުންދަނީ ހަމައެކަނި ބޯހިޔާވަހިކަން ފުޅާކުރުމެއް ނޫނެވެ. އެއީ މުޅި ސަރަހައްދުގެ ސިޔާސީ އަދި ޖިއޮގްރަފީ ޗާޓު އަލުން ކުރަހައި، ފަލަސްޠީނާއި އިސްރާއީލުގެ "ދެ ގައުމުގެ ހައްލު" މުޅިން ނައްތާލުމުގެ ބޮޑު ރޭވުމެކެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ވެސް ކުރިން އިންޒާރު ދީފައިވާ ގޮތުގައި، އިސްރާއީލުގެ މި ރޭވުންތަކުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތާއި، ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގެ ހައްގު މުޅިން ގެއްލިގެންދާނެ އެވެ. ކޮބާ ދެ ބަނޑަށް ކައިގެން ތިބި އަރަބިން؟

ހިއްސާ ކުރައްވާ!