ކޮންމެ އަހަރަކު ވެސް ދައުރުވާ އެއް ވާހަކައެއް އޮވެއެވެ. އެއީ ޖުލައި މަހުގެ 8 ވަނަ ދުވަހު ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ހުރިހާ އެންމެންނަށް އެއް ވަގުތެއްގައި އިރުގެ އަލިކަން ފެންނާނެ ކަމުގެ ވާހަކައެވެ. މިއަހަރުގެ މި ދުވަސް އިއްޔެ މިކަން މި ގޮތަށް ދިމާވިބާވައެވެ؟ މިކަމަށް މަގުފަހިކުރާ މައިގަނޑު ދެ ސަބަބެއްވެއެވެ.
- ބިން ބެހިފައިވާ ގޮތް: ދުނިޔޭގެ އެއްގަމު ބިމުގެ ގާތްގަނޑަކަށް 68% އޮންނަނީ ދުނިޔޭގެ އުތުރު ބިތުގައެވެ.
- އާބާދީ ބެހިފައިވާ ގޮތް: ދަނޑުވެރިކަމަށް އެންމެ އެކަށީގެންވާ ސަރަހައްދުތައް އުތުރު ބިތުގައި ހުރުމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ 90% މީހުން ދިރިއުޅެނީ އިރާ ކުރިމަތިލާފައިވާ މި ސަރަހައްދުގައެވެ.
އާންމުކޮށް ހީކުރެވޭ ގޮތުގައި އެންމެ ގިނަ ބަޔަކަށް އެއްފަހަރާ އަލިކަން ލިބޭނީ ސަމަރ ސޯލްސްޓިސް ނުވަތަ އަހަރުގެ އެންމެ ދިގު ދުވަސްތަކުގައެވެ. ނަމަވެސް 'ޓައިމް އެންޑް ޑޭޓް' ވެބްސައިޓްގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، 99% އާބާދީއަށް އިރުގެ އަލިކަން އެއްފަހަރާ ލިބޭ ވަގުތަކީ ޖުލައި 8 ވަނަ ދުވަހުގެ ގާތްގަނޑަކަށް 11:00 އާއި 11:03 ޖީއެމްޓީ އާ ދެމެދުގެ ވަގުތެވެ. އެހެންވެ ގާތްގަނޑަކަށް 11:15 ހާއިރު އެއީ މާލޭ ގަޑިން ހަވީރު 4.15 ހާއިރުއެވެ. އެގަޑީގައި ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް އިރުގެ އަލިކަން ލިބޭކަން ކަށަވަރުވެއެވެ.
އެ ވަގުތު އިރުގެ އަލިކަން ނުލިބި ހުންނާނީ އާބާދީ މަދު ސަރަހައްދުތައް ކަމަށްވާ އޮސްޓްރޭލިއާ، ނިއުޒިލެންޑް، ދެކުނު-އިރުމަތީ އޭޝިއާގެ ބައެއް ސަރަހައްދުތަކާއި އެންޓާކްޓިކާއެވެ. ބާކީ ތިބި އެންމެންނަށް އިރުގެ އަލިކަމުގެ ކޮންމެވެސް ވަރެއް ލިބޭނެއެވެ.
ނަމަވެސް މީގެ ތެރޭގައި "އިންޑައިރެކްޓް" ނުވަތަ ނުސީދާ އަލިކަން ވެސް ހިމެނެއެވެ. އެއީ އިރު އޮއްސިފައި ހުއްޓަސް، އޭގެ އަލިކަން ފެންނަ ވަގުތުތަކެވެ. އަދި އާބާދީގެ ގާތްގަނޑަކަށް 3 ޕަސެންޓް މީހުން ތިބޭނީ "އެސްޓްރޮނޮމިކަލް ޓްވައިލައިޓް" ނުވަތަ އިރު އިސްތިވައީ ދަނޑީގެ ތިރީގައި 12އާއި18 ޑިގްރީގައި ހުންނަ ވަގުތު ގައެވެ. އެހެންކަމުން 99 ޕަސެންޓް މީހުންނަށް އިރުގެ އަލިކަން ލިބޭކަމަށް ބަލާނީ، މިފަދަ އަލިކަން ވެސް ގުނާނަމަ އެވެ.






