ހުޅަނގުގެ މީޑިއާއިން އެއްވެސް ގައުމަށް ހެޔޮ ބަހެއް ނުބުނާނެ. މިއޮތީ އުތުރު ކޮރެއާގެ މިސާލު!

މިއީ އެއްވެސް ހާލެއްގައި ސިޔާސީ ދިރާސާއެއް ނޫނެވެ. މިއީ އެ ގައުމުގައި ދިރިއުޅެމުން ދިޔަ މީހަކަށް ފެނުނު މަންޒަރުތަކެވެ. އެއީ އަންހެނުންގެ ހޮސްޕިޓަލުގައި ދަރިފުޅު ވިހެއުމުން ފެށިގެން، ރަށްފުށުގެ ސަރަހައްދުތަކަށް ކުރި ދަތުރުތަކާއި، މިއުޒިއަމްތަކާއި، ލައިބްރަރީތަކާއި، އަދި ފެހި ފަރުބަދަތަކުގައި އާއިލާތަކުން އުފާކުރާ މަންޒަރުތައް ފެނުނުގޮތް ސިފަކޮށްދޭ ލިޔުމެކެވެ. މިލިޔުން ލިޔެފައި ވަނީ ޕިޔޮންގޔަންގައި އުޅުނު މިސްރު ޑިޕްލޮމެޓެއްގެ އަންހެނުންނެވެ. އޭނާއަކީ ޕީއެޗްޑީއަށް ރިސާޗް ކުރަމުންދާ މީހެކެވެ.

1. ތިމާވެއްޓާއި އާކިޓެކްޗަރ:

ޕިއޮންގްޔަންގްގެ އާކިޓެކްޗަރ ނުވަތަ އިމާރާތްކުރުމުގެ ފެންވަރު ވަރަށް މަތީ ދަރަޖައަކަށް ފެނެއެވެ. މަގުތައް ފުޅާވެފައި، އެޕާޓްމަންޓް އިމާރާތްތައް ވަރަށް ތަރުތީބުވެފައި ވެއެވެ. ސަރުކާރުގެ އިމާރާތްތަކާއި ސަގާފީ ބިނާތައް (މިސާލަކަށް: ޕެލަސް އޮފް ދަ ސަން، ކުޅިވަރު މާލަމްތައް، އަދި ބިމުއަޑީގައި ހަދާފައިވާ މެޓްރޯ) ހުންނަނީ ވަރަށް ބިޔަކޮށް އަދި އެހާމެ ފުރިހަމަ ގޮތަކަށެވެ. މަގުތައް އާދަޔާ ޚިލާފަށް ސާފުތާހިރުއެވެ. މަގުމަތިން ކަރުދާސްކޮޅެއް ވެސް ނުފެންނާނެއެވެ. އަދި އިމާރާތްތަކުގެ ބޭރުފުށުން އެއްވެސް ހަޑިކަމެއް އަޅާނުލުމެއް ފެންނާކަށް ނުހުރެއެވެ.

ނަމަވެސް، އެތަނުގެ އެންމެ ރީތި ކަމަކީ ގުދުރަތީ ވެށީގެ ރީތިކަމެވެ. އުތުރު ކޮރެއާއަކީ ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ހުރި ތަނެއް ނޫނެވެ. އެތަނުގައި ފެހިކަން ގަދަ އުސް ބިންތަކާއި، ގަސްތަކުން ފުރިފައިވާ ޖަންގަލިތަކާއި، ކޯރުތައް ހުރެއެވެ. ޗުއްޓީ ދުވަސްތަކުގައި، އާއިލާތައް ކާބޯތަކެތި ހިފައިގެން ވެރިރަށާ ކައިރީގައި ހުންނަ ފަރުބަދަތަކަށް ދާތަން ފެނެއެވެ. އެމީހުން އެތަނުގައި ސަގާފީ މިއުޒިކްގެ ރާގުތަކަށް ނަށައި، އާދައިގެ ކުދި ފިހާރަތަކުން ހަނދާނީ ހަދިޔާތައް ގަނެ ހަދައެވެ. އެތަނުގައި ކުޑަކުދިން ގުދުރަތީ މަންޒަރުތައް ކުރަހަން ތިބޭތަން ފެނެއެވެ. އެމީހުންގެ މޫނުމަތިން ފެނުނު ހިމޭން އުފާވެރިކަމަކީ ހީވެސް ނުކުރާ ފަދަ ކަމެކެވެ. އެ މަންޒަރުން ހީވަނީ އަރަބި ނުވަތަ ޔޫރަޕްގެ ޤައުމެއްގެ ޕާކެއްގައި އާއިލާތަކުން ސައި ބޯން ނުވަތަ ޕިކްނިކް ދާ މަންޒަރު ހެންނެވެ. އެކަމަކު އެއީ އުތުރު ކޮރެއާގެ ޚާއްޞަ ސިފައަކާ އެކުގައެވެ. އެއީ ތަރުތީބުކަމާއި، އެތަނަކަށް އޮންނަ ލޯތްބާއި، ގުދުރަތީ ވެއްޓާ އެކުވެގެން އުޅޭ އުޅުމެވެ.

2. އުތުރު ކޮރެއާގެ ރައްޔިތުން:

އެ ގައުމުގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ، އަދި އެހެން މީހުންނަށް އިހުތިރާމް ކުރާ ބައެކެވެ. މިސްރު މީހެއްކަން އެނގުމުން، އެމީހުން "ޖީޒާގެ ޕިރަމިޑްތަކުގެ ވާހަކަ" ފާހަގަކޮށް ހިނިތުންވެލައެވެ. ފާހަގަކުރެވުނު އަނެއް ކަމަކީ، އެ ގައުމުގައި މަސައްކަތް ކުރުމުގައި މީހަކު ފަސްޖެހޭ ކަމެއް ނެތުމެވެ. ސާފުކުރުމުގެ މަސައްކަތުން ފެށިގެން ބިނާކުރުމުގެ މަސައްކަތާ ހަމައަށް، ޒުވާނުންނާއި ދުވަސްވީ މީހުން ވެސް އުފަލުން މަސައްކަތުގައި އުޅެއެވެ.

މިއީ މިހާރުގެ ދުނިޔޭގައި މަދު، ވަރަށް ހަރުދަނާ އިޖުތިމާއީ ސިފައެކެވެ. އަދި ބޭރު ދުނިޔޭގެ ޚަބަރުތައް އުތުރު ކޮރެއާ މީހުންނަށް ނޭނގޭ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެކެވެ. އެމީހުންގެ ޓީވީތަކުން ދުނިޔޭގެ ޚަބަރުތަކާއި، ޚާއްސަކޮށް ފަލަސްތީނުގެ މައްސަލަތައް އަބަދުވެސް ގެނަސްދީ ހާމަކުރެއެވެ.

3. އާއިލީ ގުޅުން:

ޕިޔޮންގްޔަންގްގެ މަގުތަކުން ފެންނަނީ ކާފައާއި މާމައިންނާއެކު ކުޑަކުދިން ހިނގާފައި ދާ މަންޒަރެވެ. އާއިލީ ގުޅުންތައް ވަރަށް ބަދަހިވެފައި، އެއް އާއިލާއެއްގެ މީހުން ކައިރީގައި ދިރިއުޅުމަކީ އެ ގައުމުގެ ހިތްހަމަޖެހުމުގެ ޚާއްސަ ސިއްރެވެ.

4. ސިއްހީ ޚިދުމަތް.. "އަމިއްލަ ތަޖުރިބާ":

އުތުރު ކޮރެއާގައި ވިހެއުމުގެ ތަޖުރިބާ ކުރިއިރު، ހޮސްޕިޓަލުތައް ސާފުވެފައި ވަސީލަތްތައް ހުރީ ރަނގަޅަށް ކަން ފާހަގަ ކުރެވުނެވެ. ވިހެއުމަށްފަހު، ލީޑަރު ކިމް ޖޮންގް އުންގެ ފަރާތުން ކޮންމެ މަންމައަކަށް "ތާޒާ މާމުއި ފުޅިއެއް" ހަދިޔާއަކަށް ލިބެއެވެ. މިއީ އެ ގައުމުގެ ލީޑަރޝިޕުން ރައްޔިތުންނަށް ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެކެވެ. ހުރިހާ ރައްޔިތުންނަށް ވެސް އަސާސީ ސިއްހީ ޚިދުމަތް ހަމަހަމަކަމާއެކު ލިބެއެވެ.

5. ކުޑަކުދިންގެ ގަނޑުވަރު "ކުޑަކުދިންގެ ކުރިމަގަށް އިންވެސްޓްކުރުން":

އުތުރު ކޮރެއާގެ ވެެރިރަށުގެ "ޗިލްޑްރަންސް ޕެލަސް" އަކީ ކުޑަކުދިންނަށް އާޓްސް، މިއުޒިކް، ސައިންސް، އަދި ކުޅިވަރުގެ ތަމްރީނުދޭ މަރުކަޒެކެވެ. ގައުމުގެ މުސްތަގުބަލަކީ ކުޑަކުދިން ކަމުގައި ދެކި، އެ ކުދިންގެ ބުއްދި އާއި ހަށިގަނޑު ހެދިބޮޑުވުމަށް އެމީހުން ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ.

6. ލީޑަރާއި ސިފައިންނާ ރައްޔިތުންގެ ގުޅުން:

ސިފައިންގެ އުޅަނދުތައް ދާއިރު ރައްޔިތުން އަތްހޫރާ ހިނިތުންވަނީ ބިރުންނެއް ނޫނެވެ. ހަގީގީ ލޯބިންނެވެ. އެމީހުން ދެކޭ ގޮތުގައި ސިފައިންނަކީ ގައުމުގެ ހިމާޔަތްކުރާ މީހުންނެވެ. ލީޑަރު ކިމް ޖޮންގް އުންއަށް އޮތް އިހުތިރާމަކީ އެމީހުންގެ ސަގާފަތުގެ ބައެކެވެ. މިއީ ހުޅަނގުން ސިފަކުރާ ފަދަ "ބިރުދެއްކުމަކުން" ކުރާކަމެއް ނޫން ކަމާއި، އެއީ އެމީހުންގެ އަމިއްލަ ސަގާފީ އަދި ސިޔާސީ ނިޒާމެއްގެ ބައެއްކަން ވަރަށް ރަނގަޅަށް ފެނެއެވެ. އެގައުމުގެ ރައްޔިތުން ފެންނަނީ ހިތްހަމަޖެހިފައި ތިބި ބަޔަކު ފަދައިންނެވެ.

7. އިގްތިސާދީ ކުރިއެރުން:

ކުރިން ހަމައެކަނި ސަރުކާރާއި ސިފައިންނަށް ޚާއްސަ އުޅަނދުތައް ހުރިނަމަވެސް މިހާރު އާންމު ރައްޔިތުން ގެ އަތުގައި ވެސް އުޅަނދުތައް އެބަހުއްޓެވެ. ޕިޔޮންގްޔަންގްގެ މަގުތަކުން މިހާރު ބޭރުގެ މޮޅު ކާރުތައް ފެނެއެވެ. އަދި ވިޔަފާރީގެ ކުދި މިނީ މާރުކޭޓުތަކާއި ކެފޭތައް އިތުރުވަމުން ދެއެވެ. ފަތުރުވެރިކަން ވެސް އަންނަނީ ކުރިއަރަމުންނެވެ.

އުތުރު ކޮރެއާއަކީ ސުވަރުގެއެއް ނޫނެވެ، ހަމައެހެންމެ ހުޅަނގުގެ މީޑިއާއާއި ލީޑަރުން ދުނިޔެއަށް ސިފަކޮށްދޭ ފަދަ ނަރަކައެއް ވެސް ނޫނެވެ. އެއީ އެ ގައުމުގެ އަމިއްލަ ތާރީޚީ އަދި ސިޔާސީ ތަފާތު ހާލަތެއް އޮތް، ގިނަ ގޮންޖެހުންތަކެއް ހުރި، އެކަމަކު އޭގެ އަމިއްލަ ކާމިޔާބީތައް ވެސް ހުރި ގައުމެކެވެ. އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަކީ ގައުމުދެކެ ލޯބިވާ، އާއިލީ ގުޅުން ބަދަހި، އުފާވެރި ބައެކެވެ.

މި ލިޔުމަކީ އުތުރު ކޮރެއާ އަކީ އެހެން ގައުމުތަކާ ތަފާތު "ސީރިއަސް" ކަމެއް ނެތް ގައުމެއްގެ ގޮތުގައި ދެކުމުގެ ލިޔުމެއް ނޫނެވެ. މިއީ ހުޅަނގުގެ ލެންސަކުން އުތުރު ކޮރެއާ ބަލައި އެގައުމު ކުށްވެރިކުރުމުގެ ބަދަލުގައި އެ ގައުމު ފުރަތަމަ ދެނެގަތުމަށްފަހު ފާޑުކިޔުމަށް މަގުފަހިކޮށްދޭނެ ލިޔުމެއް ކަމަށް އުންމީދު ކުރަމެވެ.

ނިސްރީން ތޫލާންގެ ހެޔޮއެދުންތަކާއެކު!

ހިއްސާ ކުރައްވާ!