ޕާކިސްތާން: ހުއްދަ ނުލިބުމުގެ ސަބަބުން ކެންސަރާއި ހަކުރު ބައްޔަށް ބޭނުންކުރާ ގިނަ ބޭސްތަކެއް ބާޒާރުގައި ނެތް

ޕާކިސްތާން ސަރުކާރުގެ ހުއްދަ ނުލިބުމުގެ ސަބަބުން، އަލަށް ރަޖިސްޓްރީ ކުރި 40 ބޭހެއް އަދިވެސް ބާޒާރުގައި ލިބެން ނެތްކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކެންސަރު، ހަކުރު ބަލި، ހީމޯފީލިއާ، ޕާކިންސަންސް، ހިތުގެ ބަލިތައް އަދި ނުރައްކާތެރި އިންފެކްޝަންތަކަށް ބޭނުންކުރާ މުހިންމު ބޭސްތަކެއްގެ އަގު ފާސްކުރަން އަދިވެސް ވަނީ މަޑުޖެހިފައެވެ. މި ބޭސްތައް ލިބެން ނެތުމުގެ ސަބަބުން، އެތައް ބަލިމީހުންނެއް ރަޖިސްޓްރީ ނުކުރާ ބޭސްތަކަށާއި، އަމިއްލައަށް އެތެރެކުރާ ނުވަތަ ޤަވައިދާ ހިލާފަށް ސިއްރުން އެތެރެކުރާ އެތެރެކުރާ ބޭސްތަކަށް ބަރޯސާވާން މަޖުބޫރުވެފައިވެއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، މިއީ މިހާރު ވިއްކަމުންދާ ބޭސްތަކުގެ އަގު މަތިކުރުމުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އަލަށް ރަޖިސްޓްރީ ކުރި ބޭސްތަކުގެ އަގު ކަނޑައެޅުމާ ގުޅޭ ކަމެއް ކަމަށެވެ. އަލަށް ރަޖިސްޓްރީ ކުރި 35 ބޭހެއްގެ އަގު މިހާރުވެސް ފާސްކޮށްފައިވާ ކަމަށާއި، ބާކީ ހުރި 40 ބޭހުގެ އަގު ފާސްކުރުމަށް ފެޑެރަލް ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އިން ބުނާ ގޮތުގައި، އެ 40 ބޭހުގެ އަގާ ގުޅޭ ލަފާ ސަރުކާރަށް ފޮނުވާފައިވާ ކަމަށެވެ. އަގުތައް ފަހުގެ ނިންމުމަކުން ފާސްކުރުމުން ނޫނީ އެ ބޭސްތައް ގާނޫނީ ގޮތުން ވިއްކުމުގެ ހުއްދަ ނުލިބޭނެއެވެ.

ފާމަސޫޓިކަލް އިންޑަސްޓްރީއާއި ކެމިސްޓުންގެ ޖަމިއްޔާތަކުން ވަނީ، އަލަށް ރަޖިސްޓްރީ ކުރި ބޭސްތަކުގެ އަގުތައް ވީއެންމެ އަވަހަކަށް ފާސްކޮށްދިނުމަށް ފެޑެރަލް ސަރުކާރަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!