ސަނަދެއް ނެތި އެތައް އަހަރެއް ވަންދެން ނިއުރޯ ސާޖަންއަކަށް އުޅުނު!

މިކަން ފެށުނީ އޮޕަރޭޝަން ތިއޭޓަރުގައި ހެދި ސާޖަރީއެއް ގޯސްވެގެންނެއް ނޫނެވެ. އަދި ޕެރަލައިޒްވި ބަލިމީހެއްގެ ސަބަބުން ނުވަތަ ހޮސްޕިޓަލެއްގެ ތެރެއިން ދިން ސިއްރު މައުލޫމާތަކުންނެއްވެސް ނޫނެވެ.

ސީރިއާގެ އުތުރުގައި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ހިނގި އެންމެ ސިއްސައިގެންދާ ފަދަ މެޑިކަލް އޮޅުވާލުމުގެ މި ހާދިސާ ބޭޒާރުވީ ބޭސް ގުޅައެއްގެ އަގަކާ މެދު އުފެދުނު މައްސަލައަކުންނެވެ.

ބޭހުގެ އަގު ބޮޑުކޮށްގެން އާންމުފަރާތަކުން ހުށަހެޅި އާދައިގެ ޝަކުވާއެއް، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ރައްގާ ސިޓީގެ ސިއްހީ އިންސްޕެކްޓަރުން، ތަހުގީގުކުރުމަށް އާންމު ބޭސްފިހާރައަކަށް ވަން ތަނުން، އެމީހުންނަށް ފެނުނީ ރަޖިސްޓްރީ ނުކޮށް ހިންގަމުންދިޔަ ވަގު ކްލިނިކެކެވެ.

މި ކްލިނިކްގެ ފަހަތުގައި ހުރި މީހާގެ ހަގީގަތް ހޯދަމުން ގޮސް މަސްއޫލުވެރިންނަށް ވާސިލުވެވުނީ، ހަމައެކަނި އޭނާގެ ނަމުގެ ފުރަތަމަ ދެ އަކުނު ކަމަށްވާ "ބީ.އެޗް." އާ ހަމައަށެވެ.

އެތައް އަހަރެއް ވަންދެން، ބީ.އެޗް. ވަނީ ނިއުރޯސާޖަރީ އަދި ކައްޓާއި މައިބައްދައިގެ އޮޕަރޭޝަންތަކަށް ހާއްސަ އިހުތިރާމް ލިބިގެންވާ ގަދަރުވެރި ޑޮކްޓަރެއްގެ ގޮތުގައި އެކި ކްލިނިކްތަކުގައި މަސައްކަތްކޮށްފައެވެ. އޭނާ ވަނީ އިންސާނާގެ ހަށިގަނޑުގެ އެންމެ ނާޒުކު ނިޒާމުތަކާ ގުޅޭ، އެންމެ ނުރައްކާތެރި އަދި އުނދަގޫ މެޑިކަލް އޮޕަރޭޝަންތައް ކާމިޔާބު ކަމައެކު ކޮށްފައެވެ.

ނަމަވެސް އޭނާއަށް އޮތީ އެންމެ މައްސަލައެކެވެ. އެއީ އޭނާގެ އަތުގައި އެއްވެސް މެޑިކަލް ޑިގްރީއެއް ނެތް ކަމެވެ.

އެތައް އަހަރެއްގެ ހަނގުރާމައިގެ ސަބަބުން ގާނޫނީ ފިޔަވަޅުތަކާއި ބެލެހެއްޓުން ތެރިކަން ބަލިކަށިވެ، ސިއްހީ އިންފްރާސްޓްރަކްޗާ ހަލާކުވެފައިވާ ސަރަހައްދެއްގައި، ޑރ. ބީ.އެޗް. ވަނީ މި ހަލަބޮލިކަމުގެ ނާޖާއިޒު ފައިދާ ވަރަށް ފުރިހަމައަށް ނަގާފައެވެ.

ލައިސަންސް އޮތް ނިއުރޯސާޖަނެއްގެ ގޮތުގައި ބޭރުފުށުން ދައްކައިގެން، އޭނާ ވަނީ އިންސާނާގެ ނާޒުކު ނާރުތަކުގެ މައްސަލަތަކާއި މައިބަދައިގެ ބޮޑެތި އަނިޔާތަކަށް ފަރުވާދީގެން ބޮޑު އާމްދަނީއެއް ހޯދާފައެވެ. ނަމަވެސް ހަގީގަތަކީ، އާދައިގެ ފަރުވާއެއް ދިނުމަށް ބޭނުންވާ އަސާސީ ގާނޫނީ ހުއްދައެއް ނުވަތަ ސައިންސްގެ ގާބިލުކަމެއް ވެސް އޭނާގެ ކިބައިގައި ނެތް ކަމެވެ.

މި އޮޅުވާލުން ކުއްލިއަކަށް ހުއްޓުމަކަށް އައީ، ރައްގާގެ ޑްރަގް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ވެރިޔާ ޑޮކްޓަރު އިބްރާހީމް އަލްއީސާ ސީދާ އިސްނަންގަވައިގެން ހިންގެވި ފާމަސޫޓިކަލް އޮޑިޓެއްގެ ތެރެއިންނެވެ.

މައްސަލަތައް ފާހަގަކުރެވުމާއެކު، ސިއްހީ އޮތޯރިޓީތަކުން ވަނީ ރައްގާ މެޑިކަލް އެސޯސިއޭޝަނާއި ސިޓީގެ ކްރިމިނަލް ސެކިއުރިޓީ ޔުނިޓްތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައެވެ.

"ބެލިބެލުމުން، އޭނާ މެޑިކަލް މަސައްކަތެއް ކުރުމަށް ފިޒިކަލް ނުވަތަ ގާނޫނީ އެއްވެސް ސަނަދެއް، ނުވަތަ ހުއްދައެއް ނެތްކަން ތަހުގީގުކުރާ ފަރާތްތަކަށް ވަނީ ކަށަވަރުވެފައި،" ބީ.އެޗް. ހައްޔަރުކުރުމަށްފަހު ރައްގާ ހެލްތު ޑިރެކްޓްރޭޓުން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދިނެވެ.

އޮތޯރިޓީތަކުން މިހާރު ވަނީ ޖިނާއީ ދައުވާ އުފުލުމަށްޓަކައި ބީ.އެޗް. ޝަރީއަތަށް ހާޒިރުކުރުމަށް ބަންދުކޮށްފައެވެ.

އޮފިޝަލުން އޭނާ ހައްޔަރުކުރެވުމުން އުފާކުރި ނަމަވެސް، ސީރިއާގެ ސިއްހީ އޮތޯރިޓީތަކުން ޖަވާބުދޭންޖެހޭ މުހިންމު ސުވާލުތަކެއް އަދިވެސް އެބަހުއްޓެވެ.

  • އޭނާ ގާނޫނާ ހިލާފަށް އޮޕަރޭޝަންތައް ކުރި އަހަރުތަކުގައި އޮޕަރޭޘަން ކޮށްފައިވަނީ ކިހާ ބަލިމީހުންނކަށް ހެއްޔެވެ؟
  • އޭގެ ތެރެއިން ކިހާ މީހަކަށް ނާރުތަކުގެ ދާއިމީ ގެއްލުން ލިބި، ނުކުޅެދޭ މީހުންނަށްވެ، ނުވަތަ މަރުވެފައި ވޭ ހެއްޔެވެ؟
  • އެއްވެސް ސަނަދެއް ނެތް މީހަކަށް ސާޖަރީ ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ވެސް ލިބުނީ ނިޒާމުގެ ކޮން ފެއިލިއާތަކެއްގެ ސަބަބުން ހެއްޔެވެ؟

މިމީހާ ހައްޔަރު ކުރުމާއެކު ސީރިއާގެ ސޯޝަލް މީޑިއާގައި މީހުންގެ މެދުގައި ނުރުހުން ތެރިކަން އުފެދިފައިވާއިރު، އާންމުން ދަނީ އެ ސަރަހައްދުގެ މެޑިކަލް ޑޮކްޓަރުންގެ ސަނަދުތައް ވަގުތުން އޮޑިޓްކުރުމަށް އެދެމުންނެވެ.

"ނިއުރޯސާޖަރީ ފަދަ ނާޒުކު ދާއިރާއަކުން އެއްވެސް މުއައްސަސާއަކަށް މައްސަލައެއް ފާހަގަ ނުކުރެވި އެތައް އަހަރެއް ވަންދެން ވަގު ޑޮކްޓަރަށް ސިޓީގައި އުޅެވުނުކަން މިއީ ގަބޫލުކުރަންވެސް ދަތި ކަމެއް،" އޮންލައިންކޮށް ހިޔާލުފާޅުކުރި މީހަކު ލިޔެފައިވެއެވެ. "ބޭސްފިހާރައިގެ އަގުތައް ބެލުމުގެ ތަހުގީގެއް ނުހިންގި ނަމަ، މިކަން އަދި ކިހާ ދުވަހަކަށް ކުރިއަށް ދިޔައީސް ހެއްޔެވެ؟"

ރައްގާގެ ހެލްތު ޑިރެކްޓްރޭޓުން ވަނީ އެ ސަރަހައްދުގެ ކްލިނިކްތަކާއި ބޭސްފިހާރަތައް އިންސްޕެކްޓްކުރުން ވަރުގަދަކުރާނެ ކަމަށް ވައުދުވެފައެވެ. އެއީ ސަނަދު ނަގާފައިވާ ސާޖަނަކާއި ވަގު ޑޮކްޓަރަކާ ދެމެދު އޮތް ރީނދޫ ރޮނގު އެތައް އަހަރެއް ވަންދެން މުޅިން ގެއްލިފައިވާ ސިއްހީ ނިޒާމަށް އާންމުންގެ އިއްތިބާރު އަލުން ހޯދައިދިނުމުގެ މަގުސަދުގައެވެ.

ހިއްސާ ކުރައްވާ!