ކެނެޑާގެ މޮންކްޓަން ސިޓީގެ ޕާކިން އޭރިއާއެއްގައި، އާއިލާއާއެކު ކާރު އެގްޒިބިޝަނެއް ބަލާލަން ގޮސް އުޅުނު މުސްލިމް އަންހެނަކަށް ގުރޫޕަކުން ކުރިމަތިލައި، ނަސްލީ ތަފާތުކުރުމުގެ ހުތުރު ބަހުރުވައިން އެއްޗެހި ގޮވާ ހަމަލާދީފިއެވެ.
އަންހެންމީހާއަށް "އަމިއްލަ ގައުމަށް އެނބުރި ދިއުމަށް" ގޮވާލައި ހިންގި މި ކުރިމަތިލުން، އޭނާގެ 7 އަހަރުގެ ފިރިހެން ދަރިފުޅުގެ ކުރިމަތީގައި ޖިސްމާނީ އަނިޔާއަކަށް ބަދަލުވެގެންދިޔަ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. މި ހާދިސާއާ ގުޅިގެން ގައުމީ ފެންވަރުގައި ނުރުހުމާއި ކުއްވެރިކުރުންތަކެއް ވަނީ އުފެދިފައެވެ.
ކެނެޑާގެ ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މޮންކްޓަންގެ މައުންޓެން ރޯޑުގައި ހިނގި މި ހާދިސާގެ ތަހުގީގު ވަނީ ފަށާފައެވެ. ފުލުހުންނަށް މިކަމުގެ ރިޕޯޓް ލިބިފައިވަނީ އިރުއޮއްސި 7:30 ހާއިރުއެވެ. އަދި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ނުރަސްމީކޮށް ކާރު އެގްޒިބިޝަން ބާއްވަމުންދިޔަ އެ ސަރަހައްދަށް ގޮސްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ހަމަލާގެ ފަހަތުގައި ނަފުރަތާއި ނަސްލީ ތަފާތުކުރުން އޮތްތޯ ބަލަމުންދާ ކަމަށާއި، ނަމަވެސް މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. އަނެއްކޮޅުން ނޭޝަނަލް ކައުންސިލް އޮފް ކެނެޑިއަން މުސްލިމްސްއިން ވަނީ މި ހަމަލާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އަދި އެ ވީޑިއޯ ދިނީ އަނިޔާވި އާއިލާއިން ކަމަށާއި، ހަމަލާގެ ސަބަބުން އަނިޔާވި އަންހެންމީހާއަށް ސިކުނޑިއަށް ގެއްލުން ލިބި ނޭފަތުން ލޭ އައުން ފަދަ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އެ ކައުންސިލްގެ ތަރުޖަމާނު ސްޓީވަން ޗޯ ސާފުކޮށްދިން ގޮތުގައި، މަންމައަށް ހަމަލާދިން މަންޒަރު ފެނުނު 7 އަހަރުގެ ފިރިހެން ދަރިފުޅަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުތަކެއް ވަނީ ކޮށްފައެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އާއިލާއިން ޝޯ ބަލާލަން އިށީންނަން އުޅުނު ތަނުން ފުރައްސާރަކުރުމާއި އެއްޗެހި ގޮވުން ފެށި، އޭގެ ފަހުން ޖިސްމާނީ ހަމަލާއަކަށް ބަދަލުވީއެވެ. ކައުންސިލްގެ އެދުމުގެ މަތިން ބައިވެރިވި މީހުންގެ މޫނުތައްފޮރުވާފައިވާ އެ ވީޑިއޯއިން ފެންނަނީ، އަންހެނަކު އެހެން އަންހެނެއްގެ ކައިރިއަށް ގޮސް އޭނާގެ ބޮލަށާއި މޫނަށް ތަކުރާރުކޮށް ހަމަލަ ދޭ ތަނެވެ. އަދި ކައިރީގައި ތިބި ބައެއް މީހުން އެކަން ހުއްޓުވަން މަސައްކަތްކުރާ ތަންވެސް ފެނެއެވެ.
މިކަމާ ގުޅިގެން މޮންކްޓަން އިސްލާމިކް އެސޯސިއޭޝަންގެ ރައީސް ޢަލީ އިތުރްނީޝީ ވަނީ އެ ސަރަހައްދުގެ މުސްލިމް މުޖުތަމައަށް ލިބުނު ވޭނާއި ކަންބޮޑުވުން ހާމަކުރައްވާފައެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގެ މިސްކިތަކަށް އަމާޒުކޮށް އިސްލާމޯފޯބިކް ހަމަލާއެއް ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އަދި ހެލިފެކްސްގައިވެސް އެފަދަ ހާދިސާއެއް ހިނގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށްވުމުން، މުސްލިމް މުޖުތަމައުގެ ކަންބޮޑުވުން އިތުރަށް ނުތަނަވަސްވެގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.






