ތިބާއަކީ ބޭރުގައުމެއްގައި އުޅޭ އިރު ތިބާގެ ގައުމުގެ އެމްބެސެޑަރެވެ.

މިއީ ހަމައެކަނި ރޭލެއްގެ ތެރޭގައި ހިނގި ކުޑަކުޑަ ޒުވާބެއް ނޫނެވެ. މިއީ މުއްސަނދި ސަގާފަތެއް އޮތް ގައުމެއްގެ އިޙްތިރާމާއި، ބޭރުގެ ފަތުރުވެރިންގެ ޣައިރު ޒިންމާދާރު އަމަލުތަކާ ދެމެދު އުފެދުނު ބޮޑު ބަހުސެކެވެ.

މިދިޔަ ހުކުރު ދުވަހު ޓިކްޓޮކަށް އެރި ވީޑިއޯއެއް ވަނީ މުޅި ތައިލެންޑް އެއްފަހަރާ ހޭލައްވާލާފައެވެ. ބެންކޮކްގެ ޓްރޭނެއްގެ ތެރޭގައި، އިޓަލީގެ ޒުވާން ފަތުރުވެރިންތަކެއްގެ ގްރޫޕަކުން އަޑުގަދަ ކުރަމުން ކުރިއަށް ގެންދިޔަ ހުތުރު އަމަލުތަކާއި، އެއާ ދެކޮޅަށް ތައިލެންޑްގެ އަންހެނަކު ތެދުވި ގޮތް ފެންނަ މި ވީޑިއޯ ވަނީ 28،000 އަށްވުރެ ގިނަ ފަހަރު ޝެއާކޮށްފައެވެ.

"ތައިލެންޑްގައި އަހަރެމެން މިގޮތަކަށް ހަޅޭކެއް ނުލަވަން"

މި ވީޑިއޯގައި ފެންނަ ގޮތުން، ސްކައި ޓްރޭން ތެރޭގައި އެ ޒުވާނުން ހަޅޭއްލަވަމުން ދިޔުމުން، ކެމެރާގެ ފުރަގަހުގައި ހުރި ތައިލެންޑްގެ އަންހެން މީހާ ތަކުރާރުކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރެއެވެ. ޖަވާބުގައި އިޓަލީގެ ޒުވާނަކު ބުނި ޖުމްލަ ވެގެން ދިޔައީ އެތައް ބައެއްގެ ރުޅިގަދަވި ސަބަބަކަށެވެ: "ކަލޭމެންގެ ގައުމަށް ފައިސާ ގެނެވުނުކަމަށްޓަކައިއަހަރެން މިހާރު ދެރަވޭ." އިޓަލީ ފަތުރުވެރި ޒުވާނާ ބުންޏެވެ.

މި ޒުވާބު ހޫނުވެ، އިޓަލީގެ ފިރިހެން ކުއްޖަކު ކެމެރާއަށް މެދު އިނގިލި ދިއްކޮށް، ހުތުރު ހަރަކާތްތަކެއް ކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ ހިސާބުން، ހަމަހިމޭންކަން ގެއްލި، ތައިލެންޑްގެ އަންހެން މީހާ ވެސް ހުތުރު ބަހުން ޖަވާބު ދިނުމާއެކު، މައްސަލަ ގޯހުން ގޯހަށް ދިޔައެވެ.

ދިފާއުކުރުމާއި ފާޑުކިއުން

މި ހާދިސާއާ ގުޅިގެން އިންޓަނެޓް ދެ ބަޔަކަށް ބެހިގެން ދިޔައެވެ. އެއްބަޔަކު ބުނަނީ އިޓަލީގެ ޒުވާނުން ތައިލެންޑްގެ ސަގާފަތަށް އިޙްތިރާމް ކުޑަ ކުރީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ތައިލެންޑްގެ އަންހެން މީހާގެ މާބޮޑަށް ރިއެކްޓް ކުރީ ކަމަށެވެ.

ނަމަވެސް، މި މައްސަލަ އިތުރަށް ހޫނުވެ، އިޓަލީގެ އެމްބަސީން މިކަމާ ގުޅިގެން ރަސްމީކޮށް މާފަށް އެދުނެވެ. އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އިޓަލީގެ ޒުވާން ފަތުރުވެރިންތަކެއްގެ ފަރާތުން ފެނުނު "ނުރަނގަޅު އަމަލެއް" ކަމަށާއި، ތައިލެންޑްގެ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

ތައިލެންޑްގައި އުޅޭ އިޓަލީ މީހުން ބުނީ ތިބާއަކީ ބޭރުގައުމެއްގައި އުޅޭ އިރު ތިބާގެ ގައުމުގެ އެމްބެސެޑަރެވެ. އެހެންވެ އަބަދުވެސް މީހުންނަށް ފެންނަން ވާނީ ރީތިކޮށެެވެ. އަދި ދައްކަން ވާނީ ރީތި އަޚުލާގެވެ.

އެމްބަސީން އާންމުކުރި ވީޑިއޯއެއްގައި، އެ ޒުވާނުންގެ ލީޑަރުންނާއި، ހުތުރު ހަރަކާތް ކުރި ފިރިހެން ކުއްޖާ ވަނީ ތައިލެންޑްގެ ރައްޔިތުން ކިބައިން މާފަށް އެދިފައެވެ. އެކުއްޖާ "ވީހާވެސް އަވަހަކަށް އިޓަލީއަށް ފޮނުވާލާނެ" ކަމަށް ވެސް ވީޑިއޯގައި އެމްބަސީން ބުނެފައިވެއެވެ.

މަގުމަތީގެ އާންމު ދަތުރުފަތުރުގައި އަޑުގަދަ ކުރުން ކޮންޓްރޯލް ކުރާ 5 ގައުމު

  • ޖަޕާން: "މެއިވާކޫ" (އެހެން މީހުންނަށް އުނދަގޫ ނުކުރުން) އަކީ ޘަޤާފީ އުސޫލެކެވެ. ފޯނުން ވާހަކަ ދެއްކުމާއި، ހެޑްފޯނުން އަޑު ބޭރަށް އިވޭ ގޮތަށް ބެހެއްޓުން މަނާކުރެއެވެ. ޤާނޫނަކަށް ވުރެ ބޮޑަށް ހިތްހަމަނުޖެހޭކަން ހާމަކުރާ ގޮތަށް "ބެލުމަކީ" މީހުން ހިމޭންކުރުވާ އެންމެ ވަރުގަދަ ހަތިޔާރެވެ.
  • ސިންގަޕޫރު: އާންމު ތަންތަނުގައި އަޑުގަދަ ކުރުމަކީ ޤާނޫނީ ކުށެކެވެ. ޤާނޫނާ ޚިލާފުވެއްޖެނަމަ 500 ޑޮލަރުން ފެށިގެން 5,000 ޑޮލަރަށް ޖޫރިމަނާ ކުރެއެވެ.
  • ޖަރުމަނުވިލާތް: ދުރު ރާސްތާ ރޭލުތަކުގައި "ހިމޭން ސަރަހައްދު" ކަނޑައަޅާފައިވެއެވެ. މި ސަރަހައްދުތަކުގައި ފޯނު ބޭނުން ކުރުން މަނާކޮށް، އުސޫލާ ޚިލާފުވާ މީހުން ރޭލުން ބާލާ ހިސާބަށް ފިޔަވަޅު އަޅައެވެ.
  • އިނގިރޭސިވިލާތް: "ހިމޭން ކޯޗް" ތަކުގައި ސޯޝަލް ޕްރެޝަރު ނުވަތަ މީހުންގެ ނުރުހުން ދައްކައިގެން ހިމޭންކަން ޤާއިމުކުރެއެވެ. އެކި ކަހަލަ އަޑުތައް ލައްވައިގެންނާއި ހިތްހަމަނުޖެހޭ ގޮތަށް ބަލައިގެން އަމިއްލައަށް ކުށްވެރިޔާ ލަދުގަންނުވައެވެ.
  • އެމެރިކާ: ރޭލުތަކުގައި ޚާއްސަ "ހިމޭން ކާރު" ތައް ހުރެއެވެ. އުސޫލާ ޚިލާފުވާ މީހުންނަށް ފިޔަވަޅު އަޅަން އިންސްޕެކްޓަރުން ހަރަކާތްތެރިވެ، ބޮޑެތި މައްސަލަތަކުގައި ޓްރާންސިޓް ފުލުހުން މެދުވެރިކޮށް އެ މީހަކު ރޭލުން ބާލައެވެ.

ވިސާގެ ދަތިކަމާއި، ޓޫރިޒަމްގެ ބިރުވެރިކަން

މި ހާދިސާއަކީ ތައިލެންޑްގެ ޓޫރިޒަމް ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފެންމަތިވި މައްސަލައެކެވެ. މެއި މަހު ތައިލެންޑުން ވަނީ ވިސާ ނެތި އެތެރެވޭ މުއްދަތު ކުރުކޮށްފައެވެ. މިއީ ބޭރުގެ ފަތުރުވެރިން ހިންގާ ޖަރީމާތައް މަދުކުރުމަށް އެޅި ފިޔަވަޅެކެވެ.

އިގްތިސާދީ ގޮތުން ޓޫރިޒަމަށް ބަރޯސާވާ ތައިލެންޑަށް މިފަދަ ހާދިސާތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 3 ޕަސެންޓް ދަށަށް ގޮސްފައެވެ. ޚާއްސަކޮށް، އިޓަލީން އަންނަ ފަތުރުވެރިންގެ އަދަދު 9.6 ޕަސެންޓް ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މި ހާދިސާއިން ދޭހަވަނީ ހަމައެކަނި ޓްރޭނެއްގެ ތެރޭގައި ހިނގި ޒުވާބެއް ނޫނެވެ. މިއީ ބޭރުގެ ފަތުރުވެރިންނާއި، އެމީހުން މެހެމާންދާރީ އަދާކުރާ ގައުމުތަކާ ދެމެދު އޮންނަންޖެހޭ "އިޙްތިރާމް" ގެ ރޮނގު ފުހެވިގެންދާ މަންޒަރެވެ.

ހިއްސާ ކުރައްވާ!