އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ޗައިނާގައި އުފައްދާ ރޮބޮޓާއި އިންވާޓަރު އެތެރެކުރުން ޓްރަމްޕްގެ ސަރުކާރުން މަނާކޮށްފި އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި އުމްރާނީ ވަސީލަތްތަކާއި، ހަކަތައިގެ މުހިންމު ނިޒާމުތައް ހިމާޔަތްކުރުމުގެ ގޮތުން، ޗައިނާގައި އުފައްދާ އިންސާނީ ސިފަ ހުންނަ ރޮބޮޓް އަދި ހަތަރު ފައި ލާފައި ހުންނަ ރޮބޮޓްތަކާއި، ޕަވަރ އިންވާޓަރުތައް އެމެރިކާއަށް އެތެރެކުރުން ޓްރަމްޕްގެ ސަރުކާރުން މަނާކޮށްފިއެވެ.
ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން އިން އަންގާރަ ދުވަހު އިއުލާންކުރި މި އާ ފިޔަވަޅުތަކުގެ ދަށުން، އާ ރޮބޮޓްތަކުގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި ބެޓެރީތައް ގްރިޑްތަކާއި ޑޭޓާ ސެންޓަރުތަކާ ގުޅުވައިދޭ "ކަނެކްޓެޑް ޕަވަރ އިންވާޓަރު" އެތެރެކުރުން ވަނީ މަނާކޮށްފައެވެ.
މި ފިޔަވަޅުތަކުގެ މަގްސަދަކީ އެމެރިކާގެ ސަޕްލައި ޗޭންއަށް ޗައިނާގެ ފަރާތުން ކުރިމަތިވެދާނެ ޑޭޓާ ވަގަށް ނެގުމާއި، ސައިބަރ ހަމަލާތަކުން ރައްކާތެރިވުމުގެ އިތުރުން، އެމެރިކާގެ ތެރޭގައި އެފަދަ ތަކެތި އުފެއްދުމަށް ކުންފުނިތަކަށް ބާރުއެޅުމެވެ. "މި އާލާތްތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދީ އަދި ގައުމީ ސަލާމަތަށް ނުރައްކާވެ، މުހިންމު އުމްރާނީ ވަސީލަތްތަކަށް ހުރަސް އެޅިދާނެ،" އެފްސިސީ ގެ ބަޔާނެއްގައި ބުނެފައިވެއެވެ.
މި ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ ރޮބޮޓްގެ ބާޒާރުގެ ބޮޑު ހިއްސާއެއް އޮންނަ ޗައިނާގެ "ޔުނިޓްރީ" ފަދަ ކުންފުނިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ މި ރޮބޮޓްތަކުން ޖާސޫސްކުރުމާއި، ޑޭޓާ ވަގަށް ނެގުން ނުވަތަ ރޮބޮޓްތަކުގެ ކޮންޓްރޯލް ދުރުތަނެއްގައި ތިބެ ހޯދުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
"މި ރޮބޮޓްތަކުން އެއްކުރާ ޑޭޓާ ބޭނުންކޮށްގެން، އެމެރިކާގެ ރައްޔިތުންނަށް ފާރަލުމަށާއި، ބޭރުގެ ޖާސޫސީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ނުވަތަ ރޮބޮޓްތައް ރިމޯޓްކޮށް ހިންގުމަށް ދުޝްމަނުންނަށް މަގުފަހިވެދާނެ،" އެފްސީސީ އިން ހާމަކޮށްފައިވެއެވެ.
އިންވާޓަރުތަކައަށް ބަލާއިރު، ޗައިނާއަކީ ދުނިޔޭގައި އިންވާޓަރު އުފައްދާ އެންމެ ބޮޑު ގައުމެވެ. އެމެރިކާއިން ބިރުގަންނަނީ ޗައިނާގެ ފަރާތުން މިފަދަ އާލާތްތައް މެދުވެރިކޮށް ސައިބަރ ހަމަލާތައް ދީ، އެމެރިކާގެ މުހިންމު އިންފްރާސްޓްރަކްޗާތައް ހަލާކުކޮށްލަފާނެ ކަމަށެވެ.
ފިޔަވަޅުތަކުގެ އަސަރު
މި ފިޔަވަޅުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. މިއީ މައިގަނޑު ގޮތެއްގައި އަދި ބާޒާރަށް ނުނެރޭ އާ މޮޑެލްތަކަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅެކެވެ. ނަމަވެސް، ކުރިން ހުއްދަ ދީފައިވާ މޮޑެލްތަކުގެ ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް އެފްސީސީއަށް ލިބިގެންވެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން މި ފިޔަވަޅުތަކަށް ތާއީދުކޮށް ބުނެފައިވަނީ، މިއީ އެމެރިކާގެ ރޮބޮޓިކްސް އިންޑަސްޓްރީ ކުރިއެރުވުމަށާއި ގައުމީ ސަލާމަތް ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ޗައިނާގެ ފަރާތުން މިކަމާ ގުޅޭގޮތުން ވަގުތުން އެއްވެސް ރައްދެއް ލިބިފައެއް ނުވެއެވެ.






