ފަޅުރަށްތަކާއި ފަޅުތަކުގެ ވިޔަފާރި: އާ އުސޫލުތަކަކާ އެކު ސަރުކާރުން ބިލެއް ހުށަހަޅައިފި

ރާއްޖޭގެ އެންމެ އަގުހުރި އެއް ގުދުރަތީ ވަސީލަތް ކަމުގައިވާ ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމާއި، އެތަންތަން ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި މި ބިލަކީ، ފަޅުރަށްތަކުން ދައުލަތަށް ލިބޭ އިގްތިސާދީ މަންފާ އިތުރުކޮށް، އެތަންތަން ކުއްޔަށް ދޫކުރުމުގެ މަރުހަލާގައި ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއް ކަމަށް، ބިލު ހުށަހެޅުއްވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ވިދާޅުވިއެވެ.

ބިލުގެ މައިގަނޑު ސިފަތައް

އަށް ބާބުގެ މައްޗަށް އެކުލެވޭ 75 މާއްދާގެ މި ބިލުގައި، ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ ޚާއްސަ އޮނިގަނޑެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި:

  • ރައީސުލްޖުމްހޫރިއްޔާގެ ބާރު: ފަޅުރަށްތަކާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވެއެވެ.
  • ކުއްޔަށް ދޫކުރާ މުއްދަތު: އާންމުކޮށް 21 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާއިރު، މިނިސްޓްރީތަކާއި ކައުންސިލްތަކުގެ ހުއްދައާ އެކު މި މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
  • ވަރުވާ ނިޒާމު: ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރަށްތައް ވަރުވާއަށް ލިޔެދިނުމުގެ ފުރުސަތުވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ކުލީގެ އާ ރޭޓުތައް

އިގްތިސާދީ ހަރަކާތްތަކަށް ބަލައި، ކުލީގެ އަގުތައް އަކަމީޓަރަކަށް ކަނޑައަޅާފައިވަނީ ތިރީގައިވާ ގޮތަށެވެ:

ބޭނުން ކުލި (އަކަމީޓަރަކަށް). 
ސިނާއީ އަދި އިގްތިސާދީ ބޭނުން.     3 ރުފިޔާ
މަސްވެރިކަން އަދި ދަނޑުވެރިކަން 2.50 ރުފިޔާ
އިޖުތިމާއީ ބޭނުން 2 ރުފިޔާ
ފަޅުތައް (މަސްވެރިކަމަށް) 50 ލާރި

ޖަވާބުދާރީވުމާއި ހާމަކަން

މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށްފަހު، އެކަމުގެ ތަފްސީލީ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓް އޮފީހާ ހިއްސާކުރަން ލާޒިމްކޮށްފައިވުމެވެ.

މީގެ އިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުރުން، ރީ-ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކަށް ވެސް މި ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު މި ބިލުން ވަނީ ފަހިކޮށްދީފައެވެ.

ފަޅުރަށްތަކާއި ފަޅުތަކަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމުގައިވާއިރު، މި ބިލު ގާނޫނަކަށް ވެގެން އަންނައިރު، ފަޅުތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާވެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ހިއްސާ ކުރައްވާ!