ނަތަންޔާހޫގެ އަންހެނުންނަކީ ބިރުވެރި ފުރޭތައެއް ކަމަށް ބުނޭ

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަންހެނުން ސާރާ އަކީ އޭނާގެ ޚާދިމުން ބިރު ގަންނަވާ ފުރޭތައެއް ކަހަލަ އަންހެނެއް ކަމަށް އެގޭގައި މަސައްކަތް ކުރި ޚާދިމުންތަކެއް ބުނެފިއެވެ. އަދި އޭނާ އަކީ ނޯކަރުންނަށް އަނިޔާކޮށް ބިރިު ދައްކާ މީހެއް ކަމަށާއި އެންމެނާ މެދުވެސް އޭނާ އިހާނެތިކޮށް މުއާމަލާތު ކުރާ ކަމަށް ބުނެފައި ވެއެވެ.

ޔަހޫދީ ރެޖީމުގައި މަޝްހޫރު ނޫހެއްކަމަށްވާ ޔެދިއޯތު އަހްރޮނޫތު ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ފާއިތުވި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ސާރާގެ ފަރާތުން މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބިރުވެރި ހާދިސާތައް ހިމަނާފައި ވެއެވެ.

އޭނާއަށް ތުހުމަތު ކުރި ނޯކަރުން ބުނެފައި ވަނީ ރުޅި ނައަންނަ އިރުވެސް މީހުންނާ ދިމާއަށް ހަޅޭއްލަވާ ކަމަށެވެ. އަދި އަނގަ ހުތުރު އަންހެނެއް ކަމަށާއި މީހުންގެ ގައިގައި ތަޅައި ގަންނަން ވެސް ޖެހިލުން ނުވާ މީހެއް ކަމަށެވެ.

ސާރާ ވަނީ އުމުރުން 61 އަހަރުވެފައިވާ ނޯކަރަކަށް ބަދިގޭގެ ތަޅުމުގައި ބަނޑު ޖަހައިގެން އޮވެ ތަޅުން ގަނޑު ސާފު ކުރުމަށްވެސް އަންގާފައި ކަމަށް އިބްރާނީ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

އެހެން ޔަހޫދީ ނޯކަރަކު ބުނެގައި އޭނާއަށް ކެންސަރު ބަލިޖެހި މަރުވުމަށް އެދި ސާރާ ބަދު ދުއާ ކުރި ކަމަށެވެ!

އެ މީހާ ބުނި ގޮތުގައި ސާރާ ނޯކަރުން ބިރު ގެންނެވުމަށް ބިރު ވެރި ސިފައަށް އޭނާގެ މޫނު ބަދަލު ކުރާ ކަމަށާއި އޭނާއަކީ ސީރިއަށް ނަފްސާނީ ބައްޔެއް ހުރި މީހެއް ކަމަށެވެ.

ނަތަންޔާހޫ އޮފީހުން ބުނެފައި ވަނީ ސާރާއަކީ ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ އަމާ ކަމަށެވެ. އަދި އޭނާއާ ހަސަދަލާތީ މިފަދަ ވާހަކަތައް މީޑިއާއިން ފަތުރަނީ ކަމަށެވެ.

ސާރާއަކީ މީހުންނާ މުއާމަލާތު ކުރުމުގައި އަގަލު ކުޑަ މީހެއްކަމަށް ބުނެ މީގެ ކުރިންވެސް މީޑިއާ ރިޕޯޓުކޮށްފައި ވެއެވެ. އަދި އޭނާއާ ދެކޮލަށް ބައެއް މައްސަލަތައް ކޯޓަށްވެސް ހުށަހަޅާފައި ވެއެވެ.

އެގޮތުން 2016 ވަނަ އަހަރު ޔަހޫދީއެއް ކަމަށްވާ އެލިއާހޫ ކިޔާ މީހެއްގެ ގައިގައި ތަލައިގަނެގެން ހުށަހެޅި މައްސަލައެއްގައި ކޯޓުން ވަނީ އޭނާއަށް ބަދަލުދިނުމަށް އަމުރުކޮށްފައެވެ.

ސާރާއާ ދެކޮޅަށް ކޮށްފައިވާ އެހެން ތުހުމަތުގައި ވަނީ މީހުން ދެކެ ރުޅިއައުމުން 19 ގަޑިއިރު ވަންދެން މަސައްކަތް ކުރަން ޖައްސާ ކަމަށެވެ.

ސާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާއެއްގައި 2016 ގައިވެސް ބަދަލު ދިނުމަށް ހުކުމް ކޮށްފައި ވެއެވެ. އަދި 2024ގައިވެސް 3 މީހަކަށް ބަދަލު ދިނުމަށް ޙުކުމް ކޮށްފައި ވެއެވެ. އެ މުވައްޒަފުން ސިފަކޮށްފައިވާ ގޮތުގައި އެ މީހުން ގެންގުޅުނީ ޒަމާނީ އަޅުން ފަދައިން ކަމަށެވެ.

ހިއްސާ ކުރައްވާ!