އީރާނުގެ އަސްކަރީ އިސް ވެރިންގެ މަގާމުތަކަށް މުޖުތަބާ ޚާމަނައީ ބޮޑެތި ބަދަލުތަކެއް ގެންނަވައިފި

އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނައީ ސިފައިންނާއި ދިފާއީ ދާއިރާގެ އިސް 6 ވެރިއެއްގެ މަގާމަށް ބަދަލުތައް ގެންނަވައިފިއެވެ. މީގެ ތެރޭގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަދި ބަސީޖް މިޝަންގެ އިސް މަގާމުތައް ހިމެނެއެވެ. މި ނިންމެވުން އައިސްފައިވަނީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަގާމަށް މުހައްމަދު ބާގިރް ޒުލްގަދުރިގެ ބަދަލުގައި މުހްސިން ރިޒާއީ ހަމަޖެއްސެވިތާ އެއް ދުވަސް ފަހުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، މުޖުތަބާ ޚާމަނައީގެ އޮފީހުން ވަކިވަކިން ނެރުއްވި އަމުރުފުޅުތަކުން ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އަލީ އަބްދުއްލާހީ އަދި އޭނާގެ ނައިބަކަށް ހައިދަރީ ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން އައިއާރުޖީސީގެ ކޮމާންޑަރަކަށް އަހުމަދު ވަހީދީ އަދި އޭނާގެ ނައިބަކަށް މުސްތަފާ އީޒަދީ ވަނީ އައްޔަންކުރައްވާފައެވެ.

އަދި އައިއާރުޖީސީގެ ނޭވީ ކޮމާންޑަރަކަށް އަލީ އަޒްމާއީ އަދި ބަސީޖްގެ ވެރިއަކަށް ހުސައިން ތާއިބު ވަނީ ހަމަޖައްސަވާފައެވެ.

އީރާނުގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ޚާމަނައީ ނެރުއްވި އަމުރުފުޅުގައި، މޭޖަރ ޖެނެރަލް އަލީ އަބްދުއްލާހީ ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކުރެއްވީ އޭނާގެ އިޚްލާސްތެރި ޚިދުމަތްތަކާއި އަގުހުރި ތަޖުރިބާއަށް ބައްލަވާފައެވެ.

ސިފައިންގެ ޖެނެރަލް ސްޓާފާއި ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސް އެއްކޮށްލުމުގެ މަސައްކަތް ފުރިހަމަކުރުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން، ޗީފް އޮފް ސްޓާފްގެ ހުށަހެޅުމުގެ މަތިން، ބްރިގޭޑިއަރ ޖެނެރަލް ކިއުމަރުސް ހައިދަރީ ވަނީ ސިފައިންގެ ނައިބު ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ޚާމަނައީ ވަނީ އަސްކަރީ ގާބިލުކަން އިތުރުކުރުމާއެކު ސިފައިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ހައިދަރީއަށް އިރުޝާދު ދެއްވާފައެވެ.

ޚާމަނެއީގެ އަމުރުފުޅުން ވަނީ ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ވަހީދީ މޭޖަރ ޖެނެރަލް ރޭންކަށް އުފުލައި، އައިއާރުޖީސީގެ ކޮމާންޑަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ޚާމަނައީ ވިދާޅުވި ގޮތުގައި އީރާން މިހާރު އުޅެނީ "ސްޓްރެޓީޖިކް އަދި ނާޒުކު" ދަނޑިވަޅެއްގައެވެ. އެހެންކަމުން ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދިނުމަށް ތައްޔާރަށް ތިބުމަށާއި، ދިފާއީ ގާބިލުކަން އެންމެ މަތީ ދަރަޖައަށް ގެންދިއުމަށް ގޮވާލެއްވިއެވެ.

އަދި އައިއާރުޖީސީގެ ނައިބު ކޮމާންޑަރުގެ މަގާމަށް މޭޖަރ ޖެނެރަލް މުސްތަފާ އީޒަދީ ވަނީ އައްޔަންކުރައްވާފައެވެ. ޚާމަނައީ ވަނީ އެޑްމިރަލް އަލީ އާޒްމާއީ އައިއާރުޖީސީގެ ނޭވީ ކޮމާންޑަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

އާޒްމާއީއަށް ދެއްވި އިރުޝާދުގައި، ކަނޑުގެ އަސްކަރީ ވަސީލަތްތައް ވަރުގަދަކުރުމަށާއި، ތަމްރީނުތައް އިތުރުކުރުމަށާއި، ޖާސޫސީ ގާބިލުކަން މަތީ ދަރަޖައަކަށް ގެންދިއުމަށް ޚާމަނައީ އެދިވަޑައިގަތެވެ. އަދި އައިއާރުޖީސީގެ އެހެން ގޮފިތަކާއި، ބަސީޖް އަދި ގައުމީ ސިފައިންނާ ނޭވީއާއެކު ގާތް ގުޅުމެއް ބެހެއްޓުމަށް ގޮވާލެއްވިއެވެ.

ޚާމަނައީ ވަނީ ހުސައިން ތާއިބު ބަސީޖް އޯގަނައިޒޭޝަންގެ ވެރިޔާގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ގައުމަށް އައިސްފައިވާ އާ ބަދަލުތަކަށް ރިއާޔަތްކޮށް، "ކޮންމެ އީރާން މީހަކީ ބަސީޖު މީހެއް" ކަމަށް ބުނާ މަގްސަދު ހާސިލުކުރުމަށް ޚާމަނައީ އިރުޝާދު ދެއްވިއެވެ. އަދި ސަރުކާރުގެ އިދާރާތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، މުޖުތަމައުގެ ތެރޭގައި ބަސީޖްގެ ހަރަކާތްތައް ފުޅާކުރުމަށް އެދިވަޑައިގަތެވެ.

ހިއްސާ ކުރައްވާ!