ފޮޓޯ: ސަން އޮންލައިން
ފޮޓޯ: ސަން އޮންލައިން

ރައީސް ޔާމީންގެ ޤާނޫނީ ވަކީލު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންމެ އިސް ވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލު އާދަމް ޝަމީމް އައްޔަންކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ ޑީޖޭއޭ ހިންގެވުން އާދަމް ޝަމީމާ ހަވާލުކުރެއްވުމަށް ނިންމެވީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއު މަރުހަލާގައި އެންމެ މަތީ މާކުސް ހޯދެއްވުމާ ގުޅިގެން ކަމަށެވެ. އެ ކޮމިޝަނުން ވަނީ އާދަމް ޝަމީމް އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އޭނާއަށް މަރުހަބާ ދަންނަވައިފައެވެ.

އާދަމް ޝަމީމަކީ ގާނޫނީ ދާއިރާގައި 14 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝަމީމް ވަނީ އެމަނިކުފާނާ އެކު ސިޔާސީ މަސައްކަތްޕުޅުތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ނިންމެވުމުގެ ކުރިން ޝަމީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ. މީގެއިތުރުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް އޭނާ ވަނީ ހިދުމަތް ކުރައްވައިފައެވެ.

ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!