އިންޑިއާއާއި ރަޝިޔާ: ޖައިޝަންކަރު ރައީސް ޕޫޓިންއާ ބައްދަލުކުރައްވައިފި

އިންޑިއާއާއި ރަޝިޔާއާ ދެމެދު އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ފާއިތުވި ތަނުގައި ފުޅާވެ، ވަރުގަދަވެފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަންޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ. ޖައިޝަންކަރު މިހެން ވިދާޅުވީ ރޫސީވިލާތުގެ ރައީސް ވްލަދިމީރް ޕޫޓިންއާއެކު މޮސްކޯގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ޖަޔަޝަންކަރުގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޓީއެއް ޕޫޓިންއަށް އަރުވަމުން، ޖައިޝަންކަރު ވަނީ ދެ ގައުމުގެ މެދުގައި ހިނގަމުންދާ އެކި ދާއިރާތަކުގެ އެއްބާރުލުމަށް އަލިއަޅުވާލައްވާފައެވެ. ޚާއްޞަކޮށް ވިޔަފާރިއާއި، ހަކަތައިގެ ދާއިރާއާއި، ގަސްކާނާ އުފެއްދުމާއި، އަދި ނިއުކްލިއާ ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އާ އުސްމިންތަކަކަށް ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ޖައިޝަންކަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބޮޑުވަޒީރު މޯދީ، ރައީސް ޕޫޓިންއާ ބައްދަލުކުރެއްވުމަށް އިންތިޒާރުކުރައްވާ ކަމަށެވެ. އަދި އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓަށް ރައީސް ޕޫޓިންއަށް މަރުޙަބާ ދެންނެވުމަށް މޯދީ ތައްޔާރަށް ހުންނެވި ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އިންޑިއާއާއި ރަޝިޔާއާ ދެމެދު އޮތް އިސްތިރާތީޖީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވަމުންދިއުމަކީ ދުނިޔޭގެ ނިޒާމަށް އަންނަމުންދާ ބަދަލު ފާހަގަ ކޮށްދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!