ނައިޑް އިންވެސްޓްމެންޓުގެ އެކައުންޓްތައް ފްރީޒްކޮށް ފުލުހުން ރެއިޑްކުރިއިރު، އެއީ ފުރަވެރި ރިސޯޓު ހިންގާ ކުންފުނިކަން ހާމަވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ސައްހަ ލައިސަންސެއް ނެތި، ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގި ކަމުގެ ތުހުމަތުގައި ބޭންކު އެކައުންޓްތައް ފްރީޒްކޮށް ފުލުހުން ރެއިޑްކުރި "ނައިޑް އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް" އަކީ ރ. އަތޮޅުގައި ހިންގާ މަޝްހޫރު ފުރަވެރި ރިސޯޓް އެންޑް ސްޕާގެ މައި ކުންފުނިކަން ހާމަވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ރ. އަތޮޅުގައި 5 ސްޓާރު ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ފުރަވެރި ރިސޯޓުގެ އޮޕަރޭޓިން ކުންފުންޏަކީ ނައިޑް އިންވެސްޓްމެންޓެވެ. މިއީ ބޭރު ފައިސާގެ ގަވާއިދުތަކާ ހިލާފަށް މުއާމަލާތްކުރި ކަމުގެ ތުހުމަތުގައި ރާއްޖޭގެ ރިސޯޓެއް ހިންގާ މައި ކުންފުންޏެއްގެ އޮފީހަށް ފުލުހުން ވަދެ ބަލައިފާސްކުރި ފުރަތަމަ ފަހަރެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރެއްވި ގޮތުގައި، އެމްއެމްއޭގެ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި، ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ގާނޫނާ ހިލާފަށް ހިންގާކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމެންޓުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒްކޮށްފައެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ ގޮތުން، މާލޭގެ މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ މައި އޮފީސް ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ވަނީ ހިންގާފައެވެ.

މި އޮޕަރޭޝަން ކުރިއަށްދާއިރު، ރާއްޖޭގެ މާލީ ބާޒާރުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ރަސްމީ ބޭންކިން ނިޒާމަށް ޑޮލަރު ވަނުން ދަތިވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މާލީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، ކަޅު ބާޒާރުގައި މިލިއަނުން ޑޮލަރު ދައުރުވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާ ރަސްމީ ބޭންކުތަކަށް މާރުކުރުމުގެ ބަދަލުގައި، ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ކަޅު ބާޒާރަށް ދޫކުރަމުންދާތީއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ރަސްމީ ބޭންކިން ނިޒާމު މެދުވެރިކޮށް މާރުކުރުން މަޖުބޫރުކުރާ އާ ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީވެސް މިއަދުއެވެ.

ފުލުހުން ބުނީ ގާނޫނާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި، ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައިފާސްކޮށް ނިމުމުން ތަހުގީގުގެ އިތުރު ތަފްސީލު އާންމުކުރާނެ ކަމަށެވެ.

މަނީ އެކްސްޗޭންޖު ކުރުމުގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް ބާތިލުކުރުމުގެ ސިލްސިލާއެއް އެމްއެމްއޭއިން ފަށާފައިވާއިރު، މި ހިނގާ މަހުގެ ތެރޭގައި "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އަށް ދޫކޮށްފައިވާ މަނީ އެކްސްޗޭންޖު ލައިސަންސްވެސް ވަނީ އަތުލައިގެންފައެވެ.

މީގެއިތުރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ބިދޭސީން ހޯދައި ސިސްޓަމްގެ ތެރެއިން އެކަން ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތައްވެސް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކަންކަމުގައި ބައިވެރިވެ، ގަވާއިދާ ހިލާފަށް އެކައުންޓްތަކުގައި 54.4 މިލިއަން ރުފިޔާގެ އިތުރުން 1.63 މިލިއަން އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ހަ ބިދޭސީއަކު އިއްޔެ ވަނީ ފުލުހުންނާއި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހިއްސާ ކުރައްވާ!