ދެކުނު ކޮރިއާގެ ސައިންސްވެރިން އިސްތަށިގަނޑު ތުނިވުމާއި އިސްތަށި ފޭބުމަށް މަގުފަހިކުރާ މައިގަނޑު ނިޝާނެއް ކަމަށްވާ ސެލްތައް ބަލިވުމުގެ ނިޝާންތައް 92 އިންސައްތައަށް ދަށްކޮށްދޭ އާ ފްލެކްސިބަލް ނިއަރ-އިންފްރާރެޑް ލައިޓް ތެރަޕީ ނިޒާމެއް އީޖާދުކޮށްފިއެވެ.
ކޮރިއާ އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުޙައްޤިޤުން ތަރައްޤީކުރި މި އާލާތަކީ ބޮލުގައި އަޅާ ތޮއްޕެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މި ދިރާސާގެ ކާމިޔާބީތައް ސައިންސް މަޖައްލާ "ނޭޗަރ ކޮމިއުނިކޭޝަންސް" ގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.
މި އާ ތެރަޕީގެ މައިގަނޑު އަމާޒަކީ އިސްތަށީގެ މުލުގައިވާ "ހިއުމަން ޑަރމަލް ޕެޕިލާ" ސެލްތަކެވެ. އިސްތަށިގަނޑު ދުވަސްވުމުން ނުވަތަ ބަލި ވުމުން އިސްތަށި ފޭބުމަށް މަގުފަހިކުރާ އެންޒައިމެއް ކަމަށްވާ "ބީޓާ-ގަލެކްޓޯސިޑޭސް" އިތުރުވެގެންދެއެވެ. ސައިންސްވެރިން އުފެއްދި 730 އިން 740 ނެނޯމީޓަރުގެ ވޭވްލެންތުގެ އޯލެޑް އަލި ބޭނުންކުރުމުން، އަލިފޮނުވައިނުދޭ ސެލްތަކާ އަޅާބަލާއިރު އިސްތަށި ފޭބުމަށް މަގުފަހިވާ ނިޝާންތައް 92 އިންސައްތައަށް މަދުވެގެންދާކަން ތަޖުރިބާތަކުން ވަނީ ދައްކާފައެވެ.
މީގެ ކުރިން ބޭނުންކުރި ލޭޒަރ ނުވަތަ އެލްއީޑީ ނިޒާމުތަކާ ޚިލާފަށް، މި އާ އޯލެޑް ޓެކްނޮލޮޖީއަކީ ވަރަށް ތުނި އަދި ލެނބޭ ގޮތަށް ހުންނަ އައްޔަކަށް ވާތީ ބޮލުގެ ހަމުގައި ރަނގަޅަށް ހިފަހައްޓައި، ހުރިހާ ދިމާއަކަށް އެއްވަރަކަށް އަލި ފޮނުވައިދެއެވެ. މިހާރު ބޭނުންކުރާ މިނޮކްސިޑިލް އަދި ފިނާސްޓެރައިޑް ފަދަ ބޭސްތަކުގެ ނޭދެވޭ އަސަރުތައް ހުންނައިރު، މި އާ ނިޒާމަކީ ރައްކާތެރި ޙައްލަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އިންސާނުންގެ ބޮލުގައި މި ނިޒާމު ޓެސްޓުކުރުމުގެ ކުރިން ހަދަންޖެހޭ އިތުރު ދިރާސާތައް ކުރިއަށްގެންދިއުމަށް ސައިންސްވެރިން ވަނީ ރާވާފައެވެ.







