ޔޫރަޕަށް ފުރަތަމަ ފަހަރަށް ޖައްވަށް ރޮކެޓެއް ފޮނުވާލެވިއްޖެ

ޖަރުމަނުގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ 'އިސާރ އެއަރޯސްޕޭސް' އިން އުފެއްދި 'ސްޕެކްޓްރަމް' ނަމަކަށް ކިޔާ ޖައްވީ ރޮކެޓެއް ނޯވޭގެ 'އަންޑޯޔާ' ޖައްވީ މަރުކަޒުން ކާމިޔާބުކަމާއެކު ފޮނުވާލައިފިއެވެ. މިއީ ޔޫރަޕްގެ ބައްރުން އަމިއްލަ ފަރާތަކުން ތަރައްޤީކޮށް، ޖައްވުގެ އޯބިޓަށް ފޮނުވާލެވުނު ފުރަތަމަ އަމިއްލަ ރޮކެޓެވެ. މިއާއެކު ޔޫރަޕްގެ ޖައްވީ ދަތުރުފަތުރުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބިގެންގޮސްފައިވާ ކަން ފާހަގަކުރެއެވެ.

މި ކާމިޔާބީއާ ގުޅިގެން އެ ކުންފުނިން ސޯޝަލް މީޑީއާގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ޔޫރަޕްގެ ތާރީޚުގައި ލިޔެވުނު މުހިންމު ސަފުޙާއެއް ކަމަށާއި ޔޫރަޕްގެ ބައްރުން މިފަދަ ކާމިޔާބީއެއް ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

ޖަރުމަނުގެ ޖައްވީ ކަންކަމާބެހޭ ވުޒާރާއިން ވެސް ވަނީ މި ކާމިޔާބީއަށް މަރުޙަބާ ކިޔާފައެވެ. މި ރޮކެޓް ފޮނުވާލާފައިވަނީ ކުދި އަދި މެދު ފަންތީގެ ސެޓްލައިޓްތައް އުފުލުމުގެ ބޭނުމުގައެވެ. މި މިޝަންގައި ފަސް ކުޑަ ސެޓްލައިޓާއި ޖައްވީ ތަޖުރިބާތަކެއް ކުރުމަށް ބޭނުންވާ ސާމާނު ވަނީ އުފުލާފައެވެ.

މިއީ ޖަރުމަނުގެ މި ކުންފުނިން މި ރޮކެޓް ޖައްވަށް ފޮނުވަން ކުރި ދެވަނަ މަސައްކަތެކެވެ.

މީގެ 18 މަސް ކުރިން ކުރި ފުރަތަމަ މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. މިފަދަ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ޔޫރަޕްގެ ޤައުމުތަކަށް އެހެން ޤައުމުތަކަށް ބަރޯސާވުމަކާ ނުލައި، އަމިއްލަ ފަސްގަނޑުން ސެޓްލައިޓްތައް ޖައްވަށް ފޮނުވުމަށް މަގު ފަހިު ވެގެން ދިޔައީއެވެ. ކުރިއަށް އޮތް ތަނުގައި އަހަރަކު 40 ވަރަކަށް ރޮކެޓް އުފެއްދުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހިއްސާ ކުރައްވާ!