ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާ، ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި ފަށައިފިއެވެ. މިމަހުގެ 7 އިން 9 އަށް ކުރިއަށްދާ މި ހަރަކާތަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި އައު އީޖާދުތައް ދައްކާލުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.
މި އެގްޒިބިޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި އެކްސްޕޯގެ މެނޭޖިން ޑިރެކްޓަރ އިމްރާން ހަސަން ވިދާޅުވީ، "މި އެގްޒިބިޝަންގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 120 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި ބްރޭންޑްތަކުން ބައިވެރިވޭ އަދި 600 އަށްވުރެ ގިނަ ޝެފުން ބައިވެރިވޭ، ބަރިސްޓާ ޗެމްޕިއަންޝިޕް، މޮކްޓެއިލް ކޮމްޕެޓިޝަން އަދި ހައުސްކީޕިން އެންޑް ބެޑް ޑެކަރޭޝަން ޗެލެންޖު ފަދަ ޝައުގުވެރި މުބާރާތްތައްވެސް މި ތިން ދުވަހުގެ ތެރޭގައި ކުރިއަށްދާނެ އަދި އުއްމީދަކީ 1000 އަށް ވުރެ ގިނަމީހުން ބައިވެރިވުން" ކަމަށެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މި ފެއާގައި، ރިސޯޓުތަކާއި ހޮޓާތަކަށް ބޭނުންވާ ޚިދމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވެއެވެ.
މި ފެއާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ސްރީލަންކާގެ ހައި ކޮމިޝަނަރ މުޙައްމަދު ރިޒްވީ ޙަސަނާއި، ޕާކިސްތާނުގެ ހައި ކޮމިޝަނަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީގެ އިތުރުން އެމެރިކާ، އިންޑޮނޭޝިއާ އަދި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ފެއާގައި ބައިނަލްއަޤްވާމީ ހަތަރު ޤައުމީ ޕެވިލިއަން ހިމެނޭހެން 22 އަށްވުރެ ގިނަ ޤައުމުގެ 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވަމުންދެއެވެ.





