ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު، ނުވަ ދުވަހުގެ މުއްދަތަކަށް ދެމިގެންދާ ޚާއްސަ ހަރަކާތްތަކަކުން "ސިޔާމް ވޯލްޑް" ގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރު ވެއްޖެއެވެ. އޮކްޓޯބަރު މަހުގެ 23 އިން 31 އަށް ކުރިއަށްދާ މި ހަރަކާތުގައި ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ތަރިންނާއި، އާއިލާތަކަށް ޚާއްސަ ހަރަކާތްތަކުގެ އިތުރުން ދިވެހި ސަގާފަތާއި ހެލޮވީންގެ ތަފާތު ތަޖުރިބާތައް ހިމަނާފައި ވެއެވެ.
މި ހަރަކާތް ފެށިގެންދާނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން އިނގިރޭސިވިލާތުގެ ރަގްބީ ތަރި ޑެނީ ކެއާގެ އިސްނެގުމުގެ މަތިން ކުޑަކުދިންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ ރަގްބީ ކޭމްޕެއް ކުރިއަށްދާނެއެވެ. އޭގެ ފަހުން، އޮކްޓޯބަރު 26 އިން 30 އަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ ގެރީ ކޭހިލް އަދި މިލީ ބްރައިޓް ބައިވެރިވެގެން ފުޓުބޯޅައިގެ ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ކާނިވަލާއި، އަމޭޒިން ރޭހާއި، 3 ކިލޯމީޓަރުގެ ފަން ރަންއެއްގެ އިތުރުން، ލެގޫން ސަރަހައްދުގައި ބާއްވާ ޚާއްސަ ފިލްމު ބެލުމުގެ ސިނަމާ ތަޖުރިބާ ކުރުންވެސް ހިމެނެއެވެ.
ސިޔާމް ވޯލްޑްގެ އަހަރީ ދުވަހުގެ އެންމެ ހާއްސަ ދުވަސް ފާހަގަކުރާނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހެވެ. ސިޔާމް ވޯލްޑަށް ފަސް އަހަރު ފުރޭ އެ ދުވަސް ހާއްސަކޮށްފައިވަނީ މުޅިން ދިވެހިވަންތަކަމަށެވެ. އެގޮތުން ދިވެހި ކެއުމާއި، ސަގާފީ މިއުޒިކާއި، ހުނަރުތައް ދައްކުވައިދޭ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ސަން ސިޔާމްއިން ފާހަގަކުރާ ފަސްވަނަ އަހަރީ ދުވަހުގެ ހަރަކާތުގެ ތެރޭން 28 ވަނަ ދުވަސް ޚާއްސަކޮށްފައިވަނީ މިދިޔަ ފަސް އަހަރު ރިސޯޓަށް އެންމެ ބޮޑު ހަކަތައާއި ޖޯޝް ގެނެސްދިން މުވައްޒަފުންނާއި ދިވެހިވަންތަކަން އިޙުތިފާލު ކުރުމަށެވެ. މި ހަރަކާތްތައް ނިމިގެންދާނީ އޮކްޓޯބަރު 31 ވަނަ ދުވަހުގެރޭ ބާއްވާ ހެލޮވީންގެ ޚާއްސަ ހަރަކާތަކާއެކުގައެވެ.





