ޔޫރަޕްގެ ޤައުމުތަކުގައި 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ އާއި، ވީޑިއޯ ޙިއްސާކުރާ ޕްލެޓްފޯމްތަކާއި، އޭ.އައި ޗެޓްބޮޓްތަކުގެ އިތުރުން އޮންލައިން ގޭމްތައް ބޭނުންކުރުން ހުއްޓުވުމަށް ނުވަތަ ލިމިޓްކުރުމަށް ޚާއްސަ ޤާނޫނީ ހުށަހެޅުމެއް ތައްޔާރުކުރަމުން އަންނަކަމަށް ރިޕޯޓުކޮށްފިއެވެ. ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ އޭޖެންސީތަކުން ޔޫރަޕްގެ ކޮމިޝަންގެ ލިޔެކިޔުންތަކާ ހަވާލާދީ ބުނެފައިވާގޮތުގައި، މި އައު ހުށަހެޅުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ގެންުނަށް ގެންނަ "އީޔޫ ކިޑްސް އެކްޓް" ގެ ދަށުން އެކުލަވާލަމުންދާ ފިޔަވަޅެކެވެ.
މިހުށަހެޅުން ރަސްމީކޮށް ހާމަކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލެޔެންއާއި، އީޔޫގެ ޓެކްނޮލޮޖީއާ ބެހޭ އިސް އޮފިޝަލުން ބާއްވަވާ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ކޮމިޝަންގެ މަޤްޞަދަކީ ޑިޖިޓަލް ޚިދުމަތްތަކުން ކުޑަކުދިންނަށް ލިބޭނެ ފައިދާތައް ދެމެހެއްޓުމާއެކު، އޮންލައިން ވެށީގައި ދިމާވާ ނުރައްކާތަކާއި، ނަހަމަ ގޮތުގައި ޚިދުމަތްތައް ބޭނުންކުރުމުން ކުދިން ސަލާމަތްކުރުން ކަމަށް ލިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ.
މި ހުށަހެޅުން ތަންފީޒުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައަޅާފައިވަނީ ކުދިންގެ ޢުމުރަށް ބަލައިގެންނެވެ.
- 15 އަހަރާއި އެއަށްވުރެ މަތީގެ ކުދިންނަށް އަމިއްލަ އެކައުންޓް ހުޅުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
- 13 އަދި 14 އަހަރުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓް ހުޅުވެން އަންނާނީ މައިންބަފައިންގެ ހުއްދައާ އެކުގައެވެ.
- މިފަދަ އެކައުންޓްތަކުގައި މުޢާމަލާތްކުރެވޭނެ ފަރާތްތަކާއި ވަގުތު ލިމިޓްކުރެވިފައިވާނެއެވެ.
- 3 އަދި 12 އަހަރާ ދެމެދުގެ ކުދިންނަށް މީސްމީޑިއާ ބޭނުންކުރެވޭނީ މައިންބަފައިންގެ ފުރިހަމަ ބެލެނިވެރިކަމުގެ ދަށުން ނެވެ.
- 3 އަހަރުން ދަށުގެ ކުޑަކުދިންނަށް މިފަދަ އެއްވެސް ޚިދުމަތެއް ނުވަތަ ޕްލެޓްފޯމެއް ބޭނުން ނުކުރެވޭނެއެވެ.
- މި ޤަވާއިދުތަކުގެ ދަށުން ވީޑިއޯ ގޭމް ޕްލެޓްފޯމްތަކާއި، އޮންލައިން ކުޅިވަރުތައް ފޯރުކޮށްދޭ ކުންފުނިތަކުންވެސް ކުދިންގެ ޢުމުރު ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމުތައް ޤާއިމުކުރަންޖެހޭނެއެވެ.
ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކަށް މި ޤަވާއިދުގެ ސަބަބުން ބޮޑެތި ޒިންމާތަކެއް އަންނާނެއެވެ. ޚާއްސަކޮށް ކުދިން ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ފީޑްތަކާއި، ގެއްލުންހުރި ކޮންޓެންޓްތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ކުންފުނިތަކަށް ލާޒިމުކުރާނެއެވެ. އަދި ޤަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، މި ކަންކަން ތަންފީޒުކުރުމަށްޓަކައި ޚާއްސަ ފީއެއް ނެގުމަށްވެސް ވަނީ ހުށަހަޅާފެވެ.
މިހުށަހެޅުން ޤާނޫނަކަށް ވުމުގެ ކުރިން ޔޫރަޕްގެ ޤައުމުތަކުގެ ސަރުކާރުތަކާއި ޔޫރަޕިއަން ޕާލަމެންޓާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެއެވެ.







