އެމެރިކާގެ ދިފާއީ ވަޒީރު އަޒުލު ކުރަން މަސައްކަތް ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ހަނގުރާމައާބެހޭ ވަޒީރު ޕީޓް ހެގްސެތުގެ މައްޗަށް، ޤާނޫނާ ޚިލާފަށް ބާރުތައް ބޭނުންކުރުމާއި، ޤާނޫނުއަސާސީގެ ބާރުތަކުގެ ބޭރުން ޢަމަލުކުރުމުގެ ތުހުމަތުގައި މަޤާމުން ވަކިކުރުމުގެ 8 މައްސަލައެއް ހުށަހަޅައިފިއެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮންގްރެސް މެންބަރު ތޮމަސް މެސީ މި މައްސަލަތައް ކޮންގްރެސައަށް ހުށަހަޅުއްވާފައިވަނީ އަންގާރަ ދުވަހުއެވެ.

މި މައްސަލަތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައާއި، ކެރީބިއަން ކަނޑުގައި ސިފައިން ހިންގި އުދުވާނީ ޙަރަކާތްތަކާއި، އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

ޑިފެންސް ޑިޕާޓްމަންޓުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށް، އެމެރިކާގެ ސިފައިންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެ، މެސީ ވަނީ މީސް މީޑިއާގައި މިކަން ހާމަކުރައްވާފައެވެ. މިއީ ޓްރަމްޕްގެ އަމިއްލަ ޕާޓީގެ މެންބަރަކު ޕެންޓަގަންގެ އިސްވެރިއެއް މަޤާމުން ދުރުކުރުމަށް މަސައްކަތްކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

މި ހުށަހެޅުންތަކުގައި ފާހަގަކޮށްފައިވާގޮތުން، 1973 ވަނަ އަހަރުގެ "ވަރ ޕަވާސް ރިޒޮލިއުޝަން" އާ ޚިލާފަށް ހެގްސެތު ވަނީ ކޮންގްރެސްގެ ހުއްދައަކާ ނުލައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އަދި ސިފައިން ބޭރުކުރުމަށް ކޮންގްރެސައިން އެންގުމުންވެސް އެކަމަށް އިންކާރުކޮށް ހަނގުރާމަ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން، ކަނޑުގެ ސަރަޙައްދުގައި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށް އަސްކަރީ ބާރު ބޭނުން ބޭނުންކުރުމުގެ ސަބަބުން 221 މީހުން މަރުވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ. އަދި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނެގުމަށް ހިންގި އޮޕަރޭޝަނާއި، ޔަމަނުގައި ހިންގި އަސްކަރީ ޙަރަކާތްތަކަކީ ވެސް ޤާނޫނީ ބާރެއް ނެތި ހިންގާފައިވާ ކަންކަން ކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުއަސާސީ ދިފާޢުކުރުމަށްޓަކައި ޤާނޫނާ ޚިލާފަށް އަމަލުކުރާ ފަރާތްތައް ޖަވާބުދާރީކުރުވަންޖެހޭނެ ކަމަށް މެސީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!