ލަންޑަނުގައި ނަވާޒް ޝަރީފުގެ އުޅަނދުތަކަށް ގެއްލުންދިން މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

އިނގިރޭސިވިލާތުގެ ލަންޑަނުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ގެ ގެކޮޅުގެ ބޭރުގައި ޕާކު ކޮށްފައި ހުރި ދެ އުޅަނދަކަށް މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޙަމަލާދީ، ގެއްލުންތަކެއް ދީފައިވާ މައްސަލައެއް ލަންޑަން މެޓްރޯޕޮލިޓަން ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ. ލަންޑަންގެ ސެންޓްރަލް ސަރަޙައްދުގައި އޮންނަ އެވެންފީލްޑް އެޕާޓުމަންޓް ބޭރުގައި ހުރި މި އުޅަނދުތަކަށް ދިން ޙަމަލާއަކީ ސިޔާސީ މަޤުޞަދެއްގައި ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ އިސް ބޭފުޅުން ވަނީ ތުހުމަތުކުރައްވާފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ. ޑެލިވަރީ ޚިދުމަތްދޭ މީހުންގެ ސިފައިގައި ސައިކަލެއްގައި އައި ދެ މީހަކު، ނަވާޒް ޝަރީފު ބޭނުންކުރައްވާ ބީއެމްޑަބްލިޔޫ އަދި މަރސީޑީސް ބްރޭންޑުގެ ދެ ކާރަށް ގެއްލުންދީ، އެ އުޅަނދުން ބައެއް ބައިތައް ވަނީ ނަގާފައެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މޫނު ނިވާކޮށްގެން ތިބި މި ދެ މީހުން ވަނީ ކާރުތަކުގެ ލޯގަނޑުތައް ތަޅާލާފައެވެ.

ޕީއެމްއެލް-އެންގެ ޒުވާނުންގެ ގޮފީގެ އިސް އޮފިޝަލް ޚުރްރަމް ބަޓް ސޯޝަލް މީޑިއާގައި ޢާންމުކުރެއްވި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެ މަގުގައި އެހެން އެތައް އުޅަނދެއް ޕާކުކޮށްފައި ހުރި ނަމަވެސް، އެ މީހުން އަމާޒުކޮށްފައިވަނީ ސީދާ ނަވާޒް ޝަރީފުގެ ދެ ކާރަށް އެކަންޏެވެ. ޢާންމުކޮށް އެވެންފީލްޑް ޢިމާރާތުގެ އެތެރޭގައި ޕާކުކުރާ މި އުޅަނދުތައް ބޭރުގައި ޕާކުކުރަން މަޖުބޫރުވީ، އެ ޢިމާރާތުގައި ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޕީއެމްއެލް-އެން ޔޫކޭގެ ރައީސް އަޙްސަން ދާރު ވިދާޅުވީ، މިއީ އާދައިގެ ގެއްލުމެއްގެ މައްސަލައެއް ނޫން ކަމަށާއި، ވަކި އުޅަނދުތަކަކަށް އެކަނި އަމާޒުކުރުމުން މިއީ ސިޔާސީ މަޤުޞަދެއްގައި ދީފައިވާ ޙަމަލާއެއްކަން ސާފުވާ ކަމަށެވެ. އަދި މި މައްސަލައިގެ ހުރިހާ ސީސީޓީވީ ފުޓޭޖެއް މިހާރު ވަނީ ތަޙުޤީޤީ އިދާރާތަކާ ހަވާލުކުރެވިފައެވެ.

ޞިއްޙީ ފަރުވާއަށް ނަވާޒް ޝަރީފު ލަންޑަނުގައި ހުންނެވި މި ދަނޑިވަޅެއްގައި މިފަދަ ހާދިސާއެއް ހިނގިއިރު، މީގެ ކުރިންވެސް އިނގިރޭސިވިލާތުގައި އޭނާއާއި އޭނާގެ އާއިލާއަށް އަމާޒުކޮށް ސަލާމަތީ ގޮންޖެހުންތަކާއި ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އިޙްތިޖާޖުތަކާ ކުރިމަތިލާން ޖެހިވަޑައިގަތް ކަން ފާހަގަކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!