ޕާކިސްތާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޤައުމުގެ އެސްޓްރޯނަޓަކު ޖައްވަށް ދަތުރުކުރާނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް ޕާކިސްތާން ސަރުކާރުން ބުނެއެވެ. ޗައިނާގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްގެންދާ މި މަޝްރޫޢަކީ ޕާކިސްތާނުގެ ޖައްވީ ތަރައްޤީގެ ދަތުރުގައި ފާހަގަކޮށްލެވޭނެ ކުރިއެރުމެކެވެ.
ނަރުވާލްގައި ބޭއްވި ދުނިޔޭގެ ޖައްވީ ހަފުތާގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާންގެ މިނިސްޓަރަކު ވިދާޅުވީ، ޖައްވީ ދިރާސާތަކުގެ ދާއިރާއިން ޗައިނާގެ އެހީތެރިކަމާއެކު ޕާކިސްތާނުން އައު އުސްމިންތަކަކަށް ވާޞިލުވަމުންދާ ކަމަށެވެ. އަދި 2035 ވަނަ އަހަރަށް އަމާޒު ހިފައިގެން ހަނދަށް މީހަކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މިޝަންގެ ދަށުން، ޕާކިސްތާނުގެ ޕައިލެޓުން ކަމަށްވާ ޒީޝަން އަލީއާއި ޚުރްރަމް ދާއޫދު ވަނީ ޗައިނާގެ ބެއިޖިންގގައި ހުންނަ ޖައްވީ ސެންޓަރުން ޚާއްޞަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. މީގެ ތެރެއިން އެކަކު ޗައިނާގެ ޖައްވީ ސްޓޭޝަނަށް ޒިޔާރަތްކުރާ ބޭރުގެ ފުރަތަމަ އެސްޓްރޯނަޓްގެ ގޮތުގައި ހިމެނިވަޑައިގަންނަވާނެއެވެ. އަދި ޖައްވުގައި ގާތގަނޑަކަށް އެއް ހަފުތާގެ މުއްދަތު ހޭދަ ކުރާނެއެވެ. އެ މުއްދަތުގައި އިލްމީ އެކި ތަޖުރިބާތައް ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.





