ފާއިތުވި ބައި ޤަރުނެއްހާ ދުވަހު އިސްރާޢީލަށް ޝަރުޠެއް ނެތި ތާޢީދުކުރުމުގައި އެއްބައިވަންތަކަމާއެކު އޮތް އެމެރިކާގެ ޔަހޫދީ މުޖުތަމަޢުގެ ތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ. ޚާއްސަކޮށް ޒުވާން ޖީލުގެ މެދުގައި ޞަހްޔޫނީ ފިކުރާ ދެކޮޅު ޝުޢޫރުތައް ވަރުގަދަވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް ހަނގުރާމައާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތަކާ ގުޅިގެން، އެމެރިކާގެ ޔަހޫދީންގެ ތެރޭގައި އޮތް ޒަމާންވީ އިސްރާއީލިުގެ ތާއީދުގެ ރޫހު ރޫޅެމުންދާކަން ފާހަގަކުރެވެއެވެ.
މި ބައިބައިވުން އެންމެ ބޮޑަށް ހާމަވެގެންދިޔައީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުޔޯކް ޕަބްލިކް ލައިބްރަރީގައި ބޭއްވި އަދަބީ ބައްދަލުވުމެއްގައެވެ. ޕުލިޓްޒަރ އިނާމު ހާސިލުކޮށްފައިވާ ޔަހޫދީ ލިޔުންތެރިޔާ ބެންޖަމިން މޯޒަރ، ފަލަސްޠީނުގެ ތާރީޚު ޢިލްމުވެރިޔާ ރަޝީދު އަލްޚާލިދީއާ އެކު ބޭއްވި މި ބައްދަލުވުމުގައި އޭނާގެ އައު ފޮތް "އެންޓި-ޒަޔަނިޒަމް: އަ ޖުވިޝް ހިސްޓްރީ" އާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޣައްޒާގައި ހިންގާ ޤަތުލުޢާންމަށް އެމެރިކާގެ މައިގަނޑު ޔަހޫދީ މުއައްސަސާތަކުން ތާޢީދުކުރާ ކަމަށް ތުހުމަތުކުރެއްވިއެވެ. އަދި ތާރީޚުގައިވެސް ޔަހޫދީންގެ ނަމަށް ޞަހްޔޫނީ ފިކުރުން ލިބުނު ފަދަ ބޮޑު ގެއްލުމެއް އެހެން އެއްވެސް ކަމަކުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯޒަރގެ މި ވާހަކަތަކާ ގުޅިގެން ޔަހޫދީ މުޖުތަމަޢުގެ އިސްވެރިންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ނިއުޔޯކް ސިޓީގެ ކޮމްޕްޓްރޯލަރ މާކް ލެވިންއާއި ޖުވިޝް ކޮމިއުނިޓީ ރިލޭޝަންސް ކައުންސިލްގެ ރައީސް މާކް ޓްރޭގަރ ވަނީ މޯޒަރގެ ވާހަކަތައް ކުށްވެރިކުރައްވާފައެވެ.
އެ ބޭފުޅުން ވިދާޅުވި ގޮތުގައި، މިއީ ސަރުކާރަކަށް ފާޑުކިޔުމަށްވުރެ ބޮޑަށް ޔަހޫދީންގެ އަމިއްލަވަންތަކަމަށް މަލާމާތްކުރުމެވެ. ނަމަވެސް، ނިއުޔޯކް ޕަބްލިކް ލައިބްރަރީން ބުނެފައިވަނީ އެ ތަނުގައި ބާއްވާ ޕްރޮގްރާމްތަކުގައި ދެކެވޭ ވާހަކަތަކަކީ އެ މުއައްސަސާގެ ރަސްމީ ސިޔާސަތު ނޫން ކަމަށެވެ.
ޞަހްޔޫނީ އާއިލާއަކަށް އުފަންވެ، ކުޑައިރުއްސުރެ އެ ފިކުރުގައި ބޮޑުވި މޯޒަރގެ ވިސްނުމަށް ބަދަލު އައީ ހުޅަނގު އައްސޭރީގެ ޚަލީލް ސިޓީއަށް ކުރެއްވި ޒިޔާރަތަކަށްފަހުގައެވެ. 1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އެމެރިކާގެ ޔަހޫދީންގެ މެދުގައި އިސްރާޢީލަށް އޮތް ތާޢީދު ވަރުގަދަވި ނަމަވެސް، ޕިއު ރިސާޗް ސެންޓަރާއި ވޮޝިންގޓަން ޕޯސްޓްގެ ދިރާސާތަކުން ދައްކާގޮތުގައި ޢުމުރުން 35 އަހަރުން ދަށުގެ ޒުވާން ޔަހޫދީންގެ ބޮޑު އިންސައްތައެއް ދެކެނީ އިސްރާޢީލުގެ ސިޔާސަތުތަކަކީ އިންސާނީ ޙައްޤުތަކާއި ޢަދުލުއިންޞާފާ މުޅިން ޚިލާފު ޢަމަލުތަކެއްގެ ގޮތުގައެވެ.
ޣައްޒާ ހަނގުރާމައިގެ ސަބަބުން މި ބަދަލު އިތުރަށް ހަލުވިވެ، އެމެރިކާގެ ޔަހޫދީންގެ ތެރެއިން ގިނަ ބަޔަކު ވަނީ އިސްރާޢީލުން ހިންގަމުންދަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ޤަބޫލުކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިސްރާޢީލަށް އެމެރިކާއިން ދޭ މާލީ އަދި ސިފައިންގެ އެހީތެރިކަން ކުޑަކުރުމަށް ތާޢީދުކުރާ ޔަހޫދީ ވޯޓަރުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި "ޖުވިޝް ވޮއިސް ފޯ ޕީސް" ފަދަ ޞަހްޔޫނީ ފިކުރާ ދެކޮޅު ޖަމާޢަތްތަކުގެ އަޑު ވަނީ ގަދަވެފައެވެ.
ފާއިތުވި އަހަރުތަކުގައި އެއިޕެކް ފަދަ ނުފޫޒުގަދަ ޔަހޫދީ ޖަމާޢަތްތަކުން އިސްރާޢީލަށް ފާޑުކިޔާ ފަރާތްތައް އެކަހެރިކުރަމުން އައި ނަމަވެސް، މީސް މީޑިއާގެ ޒަރީޢާއިން ޣައްޒާގެ ޙަޤީޤީ މަންޒަރުތައް ފެނުމާއި އިސްރާޢީލުގެ ހަރުކަށި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން، އެމެރިކާގެ ޔަހޫދީ އާއިލާތަކުގެ އެތެރޭގައިވެސް މި މައްސަލައިގައި ވަނީ ބޮޑު ބައިބައިވުމެއް އުފެދިފައެވެ.






