ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވަނީ ފަނޑިޔާރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފު ހައްޔަރުކުރީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރިޕޯޓުގައި ބުނާ ގޮތަށް ބަރަހަނާ ހާލަތުގައި ނޫން ކަމަށެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީލް ވިދާޅުވީ، ޖޭއެސްސީގެ ރިޕޯޓުގައި ހިމެނިފައިވަނީ ހަމައެކަނި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބަޔާންތަކެއްގެ ވާހަކަ ކަމަށާއި، އޭގައި ސާބިތު ހެކި ނެތް ކަމަށެވެ.
"ޑރ. އިސްމާއީލް ލަތީފު އޮތީ ބަރަހަނާ ހާލަތުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް. ލަތީފް އޮންނެވި ސްޕާއަށް ފުލުހުން ވަން އިރު، އެ ފުލުހުންގެ ގައިގައި ހުރި ބޮޑީ ކެމެރާގެ ފުޓޭޖުން ވެސް، އޭނާ އޮންނެވީ ބަރަހަނާކޮށް ނޫންކަން އެނގޭނެ،" ޝަމީލް ވިދާޅުވިއެވެ.
ޝަމީލް އިތުރަށް ވިދާޅުވީ، ލަތީފު ހައްޔަރުކުރި ސްޕާއިން ބަރަހަނާކޮށް ތިބި އަންހެނަކާއި ފިރިހެނަކު ހައްޔަރުކުރިކަން އެނގޭ ކަމަށެވެ. އަދި ފިރިހެން މީހާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، އަންހެން މީހާއަށް ހަށިވިއްކުމުގެ ދައުވާ ޕީޖީގެ އޮފީހުން އުފުލި ކަމަށް ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ގައި ޖޭއެސްސީން ޑރ. އަޒްމިރާލްދާ ސަސްޕެންޑު ކުރީ، ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ޑރ. ލަތީފު މާލޭގެ ސްޕާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން، އޭނާ މިނިވަންކުރުމަށް ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތުކޮށް ގެންނެވެ. އެ މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް ނިންމައި އާދިއްތަ ދުވަހު ވަނީ އަޒްމިރަލްދާ މަގާމުން ވަކިކުރަން އެދި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.



