އެމްޑީޕީން އިންތިޒާމް ކުރި މުޒާހަރާއެއް: ފޮޓޯ މީސްމީޑިއާ
އެމްޑީޕީން އިންތިޒާމް ކުރި މުޒާހަރާއެއް: ފޮޓޯ މީސްމީޑިއާ

ޝަހީދު ހައިކޯޓަށް ހުވާ ކުރައްވަނީ، މައްސަލައެއް ހުށަހަޅާފައިވަނިކޮށް

މިދިޔަ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ކެމްޕެއިން ކުރައްވައި، ސަރުކާރު ދިފާއުކުރުމަށް ވަކާލާތު ކުރެއްވި ސިޔާސީ މަގާމެއްގައި ހުނނެވި ބޭފުޅެއް ކަމަށްވާ އަލްއުސްތާޛް މުހައްމަދު ޝަހީދު، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން މަޑުޖައްސާލުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، މާދަމާ ރޭ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި އޭނާއަށް ލައިދެއްވަން ނިންމައިފިއެވެ. މިކަން ހިނގާފައި މިވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ ހިލާފުވާ ކަމުގެ ސުވާލުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އުސްތާޛް ޝަހީދަކީ ވެރިކަންކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ނުފޯރުވުން ކަމަށްވާއިރު، މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ފަނޑިޔާރުންނާ މެދު ސަރުކާރުން އެޅުއްވި ފިޔަވަޅާ ޚިލާފަށް ސިޔާސީ ބމަގާމެއްގައި ހުންނެވި ބޭފުޅަކު ފަނޑިޔާރުކަމަށް އައްޔަންކުރުމުގެ މި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ އަލްއުސްތާޛް މުހައްމަދު ޝަހީދާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޛް އަބްދުﷲ ޖަމީލް މޫސާއެވެ.

ޝަހީދު ހައިކޯޓަށް އައްޔަންކުރުން ހުއްޓުވައިދިނުމަށް ކޯޓުގައި އަމުރަކަށް އެދުނީ ދައުލަތުގެ ވަކީލެއް ކަމަށްވާ، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަލްއުސްތާޛް އަހްމަދު ނައުޝާދުއެވެ. ނައުޝާދު ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުކަމަށް މިހާރުވެސް ފަނޑިޔާރުކަން ކުރައްވާ، އަދި ތައުލީމަށް ބަލާއިރު ގާބިލު ބަޔަކު ތިއްބާ އުސްތާޛް ޝަހީދު އައްޔަންކުރަން ނިންމި ނިންމުމަކީ ބޭއިންސާފެއް ކަމަށެވެ. ނަމަވެސް މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދާއިރު ވެސް ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު ހުވާކުރެއްވުމަށް ހަމަޖައްސާފައިވުމަކީ، ގޮންޖެހުމެކެވެ.

ހިއްސާ ކުރައްވާ!