ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ ހުސްވެފައިވާ މަގާމަށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ. މި މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އިންޓަވިއުތަކަށް ފަހުގައެވެ. އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޢަބްދުލްޣަނީއާއެކު ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުއާވެސް ވަނީ އިންޓަވިއު ކޮށްފައެވެ.
އަލްއުސްތާޛް ޢަބްދުލްޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޖުޑީޝަރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މަދަނީ ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައި ވެއެވެ. މީގެ ކުރިން ޖޭއެސްސީގެ ރައީސްކަންވެސް ކުރެއްވި އުސްތާޛް ޢަބްދުލްޣަނީ، މިވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ ކުރިން ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުއްވައެވެ. މަޖިލީހުން އެ ނަންފުޅަށް ރުހުން ދިނުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އުއްތަމަ ފަނޑިޔާރު އައްޔަން ކުރައްވާނެއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވުމާ ގުޅިގެން، ވަގުތީ ގޮތުން ސުޕްރީމް ކޯޓު ހިންގުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ހަމީދާއެވެ. މި އަހަރު ސުޕްރީމް ކޯޓަށް ތިން އައު ފަނޑިޔާރަކު އައްޔަން ކޮށްފައި ވެއެވެ. އެއީ އުސްތާޛް ހުސައިން ޝަހީދާއި އުސްތާޛް މުހައްމަދު ސަލީމާއި އުސްތާޛް އަބްދުﷲ ހަމީދު އެވެ.
މި ބޭފުޅުން އައްޔަންކުރީ ކުރިން އެ މަގާމުތަކުގައި ތިއްބެވި އުސްތާޛް ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އުސްތާޛް މަހާޒް އަލީ ޒާހިރުގެ ބަދަލުގައެވެ. މިތިން ބޭފުޅުން ސަސްޕެންޑުކުރުމަށް ފަހު، އަޒްމިރަލްދާއާއި މަހާޒް ވަކިކުރިއެވެ. އަދި ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ.




