ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ހަމަޖެއްސުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ތާއީދު ކޮށްފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައި ތިން ނަންފުޅެއް ހުށަހެޅުނެވެ. އޭގެ ތެރޭގައި އަބްދުލްޣަނީ މުޙައްމަދުގެ އިތުރުން، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި، ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދު ހިމެނެއެވެ.
ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ޖޭއެސްސީން އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުޙައްމަދު ހޮވުމަށް ނިންމިއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައިވެސް ފާހަގަކުރައްވާފައިވެއެވެ.
މިއަދު ބޭއްވުނު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުޙައްމަދު ހަމަޖެއްސުމަށް ވޯޓަށް އެހުމުން، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެކަން ވަނީ ފާސްވެފައެވެ.




