މޮރޮކޯގައި ކުށްވެރިންގެ ފައިގައި ޓެގްއަޅުވަން ފަށައިފި

މޮރޮކޯގެ ޠަންޖާ ސިޓީގެ ދަށު ކޯޓުން ވަނީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޖަލު ޙުކުމުގެ ބަދަލުގައި އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން އަދަބު ތަންފީޒުކުރުމަށް ޙުކުމްކޮށްފައެވެ. މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތަކީ ކުރިން އެއްވެސް ކުށެއްގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. އޭނާގެ މައްޗަށް ދައުލަތުން ސީރިއަސް ކުށެއްގެ ދަޢުވާ އުފުލުމާ ގުޅިގެން ވާނުވާ ބަންދުގައި ބެހެއްޓުމަށްފަހު، ކޯޓުން ނިންމީ 6 މަސްދުވަހުގެ ޖަލު ޙުކުމުގެ ބަދަލުގައި އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން އޭނާ  މޮނިޓަރ ކުރަމުން ގެންދިއުމަށެވެ.

މޮރޮކޯގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙުކުމަށް އާއިލާއިން ވެސް ވަނީ ތާއީދުކޮށްފައެވެ. އަދި މިއީ މޮރޮކޯގެ ޖަލުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި އަޅަން ފަށާފައިވާ ފިޔަވަޅެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިފިޔަވަޅުގެ ސަބަބުން ކުށްވެރިން އިޖްތިމާޢީ މާހައުލުގައި ރީހެބިލިޓޭޓްކުރުމަށް ގެންގުޅޭ އައު ސިޔާސަތުގެ އަޖުމަ ބެލޭނެ ކަމަށްވެސް ބުނެފައި ވެއެވެ. މި ނިޒާމުގެ ދަށުން މިހާރު ވަނީ 650 އިލެކްޓްރޯނިކް ޓެގް ބޭނުންކުރުމަށް ނިންމާފައެވެ.

މޮރޮކޯގެ ޖަލު ބަލަހައްޓާ އިދާރާގެ ސޯޝަލް އެންޑް ކަލްޗަރަލް އެކްޝަން ޑިރެކްޓަރު މައުލާ އިދްރީސް އަކްލަމާމް ވިދާޅުވި ގޮތުގައި، މި ޓެގްތައް ސަޕްލައިކުރާ ކުންފުނިން ވަނީ ކޯޓުތަކުން ޙުކުމް ކުރުމުން ވަގުތުން ޓެގްތައް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. އަދި ޖަލު އިދާރާއިން ވަނީ ވެރިރަށް ރަބާތުގައި ޚާއްޞަ ޓެކްނިކަލް ޓީމެއް އެކުލަވާލައި، މި މި ޓެގްތައް ޓެސްޓުކޮށް، ދުރުން މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައެވެ.

އޯގަސްޓު 22 އިން ފެށިގެން މޮރޮކޯއިން ވަނީ ޖަލަށް ލުމާއި ބަންދު ކުރުމުގެ ބަދަލުގައި އެހެން ގޮތްތައް އިޚުތިޔރު ކުރަން ފަށާފައެވެ. އެގޮތުން މިހާތަނަށް ބަދަލު އަދަބުގެ ގޮތުގައި 29 މީހަކަށް ޖަލަށް ފޮނުވުން ނޫން ޙުކުމްތައް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި މުޖުތަމަޢުއަށް ޚިދުމަތްކުރުމާއި، ފަރުވާ ހޯދުމާއި އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި ދުވަހުން ދުވަހަށް ޖުރިމާނާ ދައްކާގޮތަށް ކޮށްފައިވާ ޙުކުމްތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!