ދުނިޔޭގެ ކާށި ދުވަސް ފާހަގަ ކުރަނީ ކާށި އުފައްދާ ގައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި ކާށިގެ މުހިންމުކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. މި ދުވަސް ފާހަގަ ކުރަނީ، އޭޝިއާއާއި ޕެސިފިކް ސަރަހައްދުގެ ކާށި ކޮމިއުނިޓީ (އޭޕީސީސީ) އިން ބައިނަލްއަގްވާމީ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.
ދުނިޔޭގެ ކާށި ދުވަސް ފާހަގަ ކުރަން ފަށާފައި ވަނީ، 2009 ވަނަ އަހަރުން ފެށިގެންނެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު މި ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ، އިންޑިއާ، މެލޭޝިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ތައިލެންޑް، ކެންޔާ އަދި ވިއެޓްނާމް ފަދަ ކާށި އުފައްދާ ގައުމުތަކުގެ ދަނޑުވެރިން ގުޅިގެންނެވެ.
ދުވަހުގެ މުނާސަބާގައި ކާށި ބޭނުންކުރުން ޕްރޮމޯޓްކުރުމާއި ކާށިން އުފައްދާ ކާނާ މީހުންނަށް ތައާރަފް ކުރުމާއި ކާށްޓާ ގުޅޭ އެކިއެކި ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ބޭއްވުމާއި ކާށި ބޭނުންކުރުމުން ލިބޭ ފައިދާއާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް އިންތިޒާމު ކުރުން ހިމެނެއެވެ.






