އެއް މިލިއަން ޑޮލަރުގެ ޔޮޓް ފުރަތަމަ ދަތުރު ވެގެން ދިޔައީ ފަހު ދަތުރަށް

ގާތްގަނޑަކަށް މިލިއަނެއް ހައި ޑޮލަރު ހޭދަކޮށްގެން ބަނދެފައިވާ އަގުހުރި "ޑޮލްޗެ ވެންޓޯ" ނަމަކަށް ކިޔާ ޔޮޓެއް ބޭލިތަނާ އިރުކޮޅެއްގެ ތެރޭގައި ފެތިއްޖެއެވެ. ތުރުކީގެ ކަނޑު ސަރަހައްދުގައި މި ޔޮޓް އޭގެ ފުރަތަމަ ދަތުރު ފެށިތާ 15 މިނެޓް ތެރޭގައި އަޑިއަށް ހިނގައްޖެއެވެ. 24 މީޓަރުގެ މި ޔޮޓް ކުއްލިއަކަށް ދިޔަވާން ފެށުމާއެކު ޔޮޓުގައި ތިބި ހަތަރު ފަސިންޖަރުން، ވަގުތުން ޔޮޓް ދޫކޮށް އެއްގަމާ ދިމާއަށް ފަތަން ފެށިއެވެ. އޭގެ ތެރޭގައި އެ ޔޮޓުގެ ވެރިފަރާތް ވެސް ހިމެނެއެވެ.

މި ހިތާމަވެރި ހާދިސާ ވަނީ މޯބައިލް ފޯނަކުން ރެކޯޑުކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން ކަނޑުގެ އިންޖިނިއަރިންގ އަދި ސަލާމަތީ މިންގަނޑުތަކާ ގުޅޭ ސުވާލުތައް ޔޮޓްގެ ވެރިމީހާ ވަނީ އުފައްދާފައެވެ. މަތީ ފަންތީގެ މުނިފޫހިފިލުވުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ މި ޔޮޓް ބޭލިއިރު އޮތީ އިންޝޫރެންސް ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއވެ. ސޯޝަލް މީޑިއާގައި މި ހާދިސާގެ ވީޑިއޯ ވައިރަލްވެފައިވެއެވެ. ތުރުކީގެ ކަމާބެހޭ އިދާރާތަކުން މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށާފައިވާކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. މި ތަހުގީގުގެ ނަތީޖާއަށް ބިނާކޮށް، ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!