އެފްރިކާގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލްކުރަމުން، ޗައިނާއިން އުފައްދާފައިވާ ޕައިލެޓަކު ނުހިމެނޭ އިލެކްޓްރިކް އެއަރ ޓެކްސީއެއް މިދިޔަ ހަފްތާގައި ރުވަންޑާގެ ކިގާލީގައި އުދުއްސަން ފަށައިފިއެވެ. އޭވިއޭޝަން އެފްރިކާ ސަމިޓުގައި ދައްކާލި އި އުދުހޭ ޓެކްސީއަކީ އޮލަނބަށް އުދުއްސައި ޖައްސާ (އިލެކްޓްރިކް ވަރޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިންގ) އުޅަނދެކެވެ. މިއީ އެފްރިކާގައި ތަޖުރިބާއަށް ކުރެވުނު މި ބާވަތުގެ މަތިންދާބޯޓެއްގެ ފުރަތަމަ ޓެސްޓް ފްލައިޓެވެ.
ޗައިނާގެ ގުއަންގްޒޯގައި އުފައްދާފައި ވާ އީހަންގ ހޯލްޑިންގްސްގެ މި އުޅަނދު ދައްކާފައި ވަނީ ޗައިނާ ރޯޑް އެންޑް ބްރިޖް ކޯޕަރޭޝަނާ ގުޅިގެންނެވެ. މި ކަމުގެ ސަބަބުން ޓެކްނޮލޮޖީ އަދި އިންފްރާސްޓްރަކްޗަރގެ ދާއިރާގައި ޗައިނާ އާއި އެފްރިކާގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާ ކަން ފާހަގަކުރެވެއެވެ.
"މި ޕާޓްނަރޝިޕްގެ މަޤްޞަދަކީ އެޑްވާންސްޑް އޭވިއޭޝަން ޓެކްނޮލޮޖީ ތަންފީޒުކުރުމުގައި ރުވާންޑާ އެފްރިކާގެ ޗާޓުގައި ކުރިއަށް ނެރުން" ރުވާންޑާ ހާޓް އޮފް އެފްރިކާގެ ޕްރޮމޯޝަނަލް ޕޭޖުގައި ލިޔެފައި ވެއވެ.
ޗައިނާއިން މިހާރު ވަނީ ތިރިތިރިން އުދުހޭ ދަތުރުފަތުރަށް އުޅަނދުތައް ތަރައްޤީކުރުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މި އަހަރު ޗައިނާގެ އެތެރޭގެ މާކެޓްގައި މި ބާވަތުގެ އުޅަނދުގެ ވިޔަފާރި މުއާމަލާތުގެ އަގު 1.5 ޓްރިލިއަން ޔުއާން (210 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރާނެކަމަށް ލަފާކުރެވެއެވެ. ޗައިނާއިން ވަނީ ބޭރު ގައުމުތަކަށްވެސް މި ވައްތަރުގެ އުޅަނދު ވިއްކަން ފަށާފައެވެ. އެގޮތުން، ތައިލެންޑަށް 500 އީވީޓީއޯއެލް އަދި ޔޫއޭއީއަށް 350 އީވީޓީއޯއެލް ވިއްކުމުގެ އެއްބަސްވުމެއް ހަދާފައި ވެއެވެ. މި ކަމުން، ޗައިނާގެ ވައިގެ އުޅަނދުފަހަރަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހުރި ޝައުޤުވެރިކަން ހާމަވެއެވެ.
ރުވާންޑާގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރު މި ޓެސްޓް ފްލައިޓަށް ތައުރީފް ކުރައްވަމުން ވިދާޅުވީ، މިއީ، ކުރިއަރާފައިވާ ޤަވާޢިދުތަކާއި ވައިގެ ދަތުރުފަތުރުގެ ޓެކްނޮލޮޖީތައް ރައްކާތެރިކަމާއެކު ތަޢާރަފުކުރުމަށް ރުވާންޑާއިން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.







