ޖަރުމަނުގެ ވީސްބާޑަން ސިޓީގައި ހުރި ޝޮޕިންގ މޯލެއްގައި ގޭސް ލީކުވާ ކަމަށް ހީކުރެވިގެން އެއް ދުވަހެއްގެ ތެރޭގައި 4 ފަހަރެއްގެ މަތިން އަލިފާން ނިއްވާ ޚިދުމަތަށް ގުޅައިގެން ގެނަސްފިއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި މިއީ އޭޝިއާ މީހުން ހިންގާ ފިހާރައެއްގައި ވިއްކަމުން ދިޔަ ދޫރިއަން މޭވާ ގެ ވަހަކުން ގޭސް ލީކުވަނީ ކަމަށް ހީކޮށްގެން މީހުން ގުޅި ގުޅުމެކެވެ.
ގޭސް ލީކުވާ ކަމަށް ހީކޮށް މީހުން ގުޅަން ފެށުނީ ހަވީރު 2:52 ގައެވެ. ފުރަތަމަ ބުނީ ސުޕަރމާކެޓަކުން ގޭސް ލީކުވާ ކަމަށެވެ. އޭގެ ފަހުން 5:47 ގައި އަދި 9:20 ގައިވެސް ހަމަ އެ ހިސާބު ގަނޑުން މީހުން އަނިފާން ނިއްވާ އިދާރާއަށް ގުޅާފައިވެއެވެ. އެންމެ ފަހުން ރޭގަނޑު 10:40 ގައި ވޯލްޑްސްޓްރާސް އެޕާޓްމަންޓް އިމާރާތަކުން ގުޅާފައިވެއެވެ. ފަހުން ފަޔަރ ޑިޕާޓްމަންޓަށް އެނގުނު ގޮތުގައި މި ވަހަކީ ދޫރިއަންއެއް ފަޅާލުމުން ބޭރުވި ވަހަކުން ކުރާ ޝަކުވާއެއް ކަމަށެވެ.
ޑޫރިއަންއަކީ ދެކުނު އިރުމަތީ އޭޝިއާގައި ވަރަށް މަޤުބޫލު، އަގުބޮޑު މޭވާއެކެވެ. މި މޭވާގެ ވަސް ވަރަށް ގަދަކަމުން ބައެއް މީހުންނަށް މި ވަހުން ހޮޑުލެވެއެވެ. އަދި އާންމު އުޅަނދުތަކާއި ހޮޓާތަކާއި، ވައިގެ ބަނދަރުތަކުގައި މި މޭވާ ގެންގުޅުން މަނާ ކޮށްފައި ވެއެވެ.





