ޝަރީއަތުގައި މައްސަލަ އޮތް މީހަކު އަލްބޭނިއާގެ ވެރިރަށް ޓިރާނާގައި ގާޒީގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ. ހައިކޯޓުގެ ގާޒީ އަސްތުރިތު ކަލާޖާ މަރުވީ އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެ އެވެ.
މި ހަމަލާ ދިން މީހާއަކީ އުމުރުން 30 އަހަރުގެ މީހެކެވެ. އޭނާއަކީ ޝަރީއަތުގައި މައްސަލަ އޮތް މީހެކެވެ. އަދި މަރާލާފައިވާ ގާޒީއަކީ އޭނާގެ މައްސަލަ ބަލަމުންދާ ފަނޑިޔާރެވެ.
އަދި ބަޑިޖެހި މީހާ ވަނީ އޭނާއާ ދެކޮޅަށޑް ދައުވާ ކުރި ބައްޕައަކާއި ދަރިއަކަށް ބަޑިން ހަމަލަ ދީފައެވެ. އެ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ. ފުރާނައަށް ނުރައްކާ ވާވަރުގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އަލްބޭނިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައަކީ ވިޔަފާރި މުދަލާ ގުޅޭ މަދަނީ މައްސަލައެކެވެ.
އަލްބޭނިއާގެ ސަރުކާރުން ވަނީ ކޯޓުތަކުގެ އެތެރޭގެ ސަލާމަތީ ނިޒާމާ މެދު ވިސްނަން ޖެހޭ ކަމަށް ބުނެފައެވެ.







