އޮޅިގެން އާންމުކޮށް ލިބެމުން އައި މުސާރައަށް ވުރެ 300 ގުނަ ބޮޑުކޮށް މުސާރަ ލިބުމުން ވަޒީފާ ދޫކޮށްލި މީހާ އެފައިސާ އަނބުރައި ދައްކަން ނުޖެހޭ ކަމަށް ކޯޓުން ޙުކުމް ކޮށްފިއެވެ. ޗިލީގެ ރައްޔިތަކަށް ކޮށްފައިވާ ޙުކުމްގައި ފަނޑިޔާރު ބުނީ އެފައިސާ އަނބުރައި ދައްކަން ނުޖެހޭނެ ކަމަށެވެ.
ރައްޔިތު މީހާ މަސައްކަތް ކުރީ ޗީލީގެ ޑޭން ކޮންސޯސިއޯ އިންޑަސްޓްރިއަލް ޑި އެލިމެންޓޯސް ޑި ޗިލީގައި އާމިލެއްގެ ގޮތުގައެވެ. އޭނާގެ މުސާރައަށް ލިބެން ޖެހެނީ މަހަކަށް އެރަށު ފައިސާއިން 386 އެވެ.
ނަމަވެސް 2022 ވަނަ އަހަރުގެ މެއި މަހު އޭނާގެ ވަޒީފާ ދޭ ފަރާތުން އޮޅިގެން 127،000 އޭނާގެ އެކައުންޓަށް ޓްރާންސްފާ ކުރި ކަމަށް މެޓްރޯ ނޫހުން ރިޕޯޓް ކުރެ އެވެ.
ކުންފުންޏާއި މުވައްޒަފާ ދެމެދު އެއްބަސްވީ އެ ފައިސާ އަނބުރާ ދޭށެވެ. ނަމަވެސް އޭގެ ބަދަލުގައި މުވައްޒަފު 3 ދުވަސްފަހުން އިސްތިއުފާ ދިނީއެވެ.
އޭގެ ފަހުން ތިން އަހަރު ވަންދެން އެ މައްސަލަ ކޯޓުގައި އުޅުނެވެ. މުވައްޒަފާ ދެކޮޅަށް ކުންފުނިން ކުރީ ވައްކަމުގެ ދައުވާއެވެ. މިހާރު ވެރިރަށް ސެންޓިއާގޯގެ ކޯޓަކުން ނިންމާފައި ވަނީ އެއީ ވައްކަމެއް ނޫން ކަމަށއެވެ.
އަދި އެ މައްސަލާގައި ޖިނާއީ ކުށެއްގެ ގޮތުގައި ދައުވާ ނުކުރެވޭނެ ކަމަށް ވެސް ގާޒީ ނިންމެވިއެވެ. ނަމަވެސް ކުންފުނިން ބުނެފައި ވަނީ އަދިވެސް އެފައިސާ ހޯދުމަށް އިސްތިއުނާފް ކުރާނެ ކަމަށެވެ.





