ނޯބެލް ކޮމިޓީއަށް ޒަޔަނިސްޓުން ފޭދިގަތް ކަމަށް ބުނެފި

ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މެރިއާ ކޮރީނާ މަޗާޑޯއަށް ނޯބެލް ޕީސް ޕްރައިޒް ލިބުމުގެ ކުރިން، ޕޮލީމާކެޓް ބެޓިންގ ޕްލެޓްފޯމްގައި އޭނާއަށް އެ އިނާމު ލިބޭނެ ކަމަށް ލަފާކުރާ މިންވަރު 3.75 އިންސައްތައިން ކުއްލިއަކަށް 73 އިންސައްތައަށް އިތުރުވެފައިވާތީ، މި މައްސަލަ ނޯވޭގެ ނޯބެލް އިންސްޓިޓިއުޓުން ތަޙްޤީޤު ކުރުމަށް ނިންމައިފިއެވެ.

ނޯބެލް ކޮމިޓީގެ ޗެއާމަން ޖޯގެން ވަޓްނެ ފްރިޑްނެސް ވިދާޅުވި ގޮތުގައި ނޯބެލް ގެ އިނާމުގެ ތާރީޚުގައި މިފަދަ ލީކެއް މިއަދާ ހަމައަށް ފާހަގަ ވެފައެއް  ނުވެއެވެ. ބެލެވޭ ގޮތުގައި މި ކަން މެދުވެރިވީ ޓްރަމްޕް ޔަހޫދީ ޒަޔަނިސްޓު ދައުލަތަށް ދަތުރު ފަށާތީ އެކަމާ ގުޅިގެން ޒަޔަނިސްޓުން ހޯދުންތައް ހޯދުމަށް ކުރި މަސައްކަތުގައެވެ. އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ކްރިސްޓިއަން ބާގް ހާޕްވިކެން ވިދާޅުވި ގޮތުގައި ލީކްވުމުގެ މައްސަލަ ބަލައި މި ކަން ހިނގި ގޮތް ތަޙްޤީޤު ކުރެވޭނެއެވެ.

ނޯބެލް ޕްރައިޒް ލިބޭ ފަރާތުގެ މަޢުލޫމާތު އެނގޭނީ ނޯބެލް ކޮމިޓީގެ 5 މެންބަރުންނަށް އެކަންޏެވެ. އަދި މި ފަހަރު މި ކަމާ ގުޅިގެން ވާހަކަ ދެއްކި އެއްވެސް ފަރާތަކަށް ވެސް އަދި މީޑިއާއާއި މާހިރުންގެ ތެރެއިން އެއްވެސް ފަރާތަކުންވެސް މަޗާޑޯގެ ނަން ފަހު ވަގުތާ ހަމައަށްވެސް ފާހަގަކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. މަޗާޑޯއަކީ ޔަހޫދީ މުޖުރިމު ނަތަންޔާހުއާ ގާތް ގުޅުމެއް ބާއްވާ މީހެއް ކަމަށް މީޑިއާއިން ބުނެފައި ވެއެވެ. ޑޭޓާ ސްޕެޝަލިސްޓް ރޮބަޓް ނެއެސް ވިދާޅުވި ގޮތުގައި ބެޓިންގ މާކެޓްގައި މިފަދަ ކުއްލި ބަދަލެއް އައުމަކީ މައުލޫމާތު ފާއްދާލުމުގެ މައްސަލައެއް ކަމަށެވެ.

ހިއްސާ ކުރައްވާ!