27 އަހަރު ވަންދެން ބަންދު ކޮށްގެން ގެންގުޅުނު އަންހެނަކު ފެނިއްޖެ

ޕޮލެންޑްގެ ސްވިއެންތޯޝްލޯވިސް ސިޓީގައި ގޭ ބަންދު ކޮށްގެން ގެންގުޅުނު 42 އަހަރުގެ އަންހެނަކު ފެނިއްޖެ އެވެ. މިއީ 1998 ވަނަ އަހަރުން ފެށިގެން 27 އަހަރު ވަންދެން އޭނާގެ މައިންބަފައިން އޭނާގެ ކޮޓަރީގައި ބަންދުކޮށްފައި ބެހެއްޓި އަންހެނެކެވެ. މިކަން ހާމަވެގެން ދިޔައީ އެގެއިން ގޮތް ނޭނގޭ އަޑުތަކެއް އިވިގެން އަވަށްޓެރިން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.

ފުލުހުން އެގެއަށް ދިޔުމުން، އުމުރުން 82 އަހަރުގެ އެގޭގެ ވެރި އަންހެން މީހާ އެއްވެސް މައްސަލައެއް ހިނގާފައި ނުވާކަމަށް ބުނެ އަވަށްޓެރިންގެ ވާހަކަ ދޮފު ކުރިއެވެ. ނަމަވެސް ފުލުހުން އެގޭގައި އުޅޭ އެހެން އަންހެނެއް ކަމަށްވާ (މިރެއްލާ) އާ ބައްދަލުކުރުމަށް ބާރުއެޅުމުން  އެމީހާއާ ބައްދަލުވި ހިނދު، އޭނާގެ ފައިގައި ހުރި ލަކުނުތަކާއި އަނިޔާގެ ނިޝާންތައް ފެނި، އިމަރޖެންސީ ޚިދުމަތްތަކަށް ގުޅިއެވެ.

ހޮސްޕިޓަލުގެ ތަހުލީލުން ދެއްކި ގޮތުން މިރެއްލާ ގެ ގައިގަި ވަނީ ނުރައްކާތެރި ފާރުތައް ހެދިފައެވެ،. އަދި އޭނާއަށް ކާޑު ބަލި ޖެހިފައިވާކަމަށްވެސް ހަސްފަތާލުން ނިންމިއެވެ. ފުލުހުންގެ ތަހުގީގުން އެނގުނީ އޭނާ ވަނީ 1998 އިން ފެށިގެން އެއްވެސް ޑޮކްޓަރަކަށް ނުދައްކައި އަދި އައިޑީ ކާޑެއްވެސް ނެތި، ކޮޓަރިން ބޭރުވާން ނުދީ އެކަހެރިކޮށް ގެންގުޅެފައެވެ.

މިހާރު މިރެއްލާ ވަނީ ދެމަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދީފައެވެ. ޕްރޮސެކިއުޓަރުން ބުނަނީ މިމައްސަލައިގެ ތަޙުޤީޤު ފުޅާކޮށް ކުރިއަށްދާ ކަމަށާއި، ޤާނޫނީ އަދި އިންސާނީ ސަބަބުތަކަށްޓަކައި ބައެއް މަޢުލޫމާތު މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ހިއްސާ ކުރައްވާ!