ސިންގަޕޫރުގެ މަޝްހޫރު ވިޔަފާރިވެރިޔާ އޮންގް ބެންގް ސެންގް (79 އަހަރު) ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި ކުށަށް އިއުތިރާފްވެފައެވެ. އޭނާ އިއުތިރާފްވެފައިވަނީ ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަންގެ ކޮރަޕްޝަންގެ މައްސަލައެއްގައި ހެކި ފޮރުވުމަށް އެހީތެރިވި ކަމަށެވެ.
އޮންގްއަކީ، ރައީސް ޔާމީނާއި އަހުމަދު އަބީދުގެ ޕީޕީއެމްގެ ސަރުކާރުގައި އަތްގާތް ކޮށްދޭން އުޅުނު މަހުޖަނެކެވެ.
އޮންގް އިއުތިރާފްވެފައިވާ މައިގަނޑު ކުށަކީ ދޯހާއިން ސިންގަޕޫރަށް ކުރި ވައިގެ ދަތުރެއްގެ ބިޒްނަސް ކްލާސް ޓިކެޓަކަށް ތްރާންސްޕޯޓު މިނިސްޓަރު އިސްވަރަންއަށް ލަހުން ބިލު ކުރުމެވެ. މިކަން ކޮށްފައިވަނީ އިސްވަރަންގެ މައްޗަށް ހިނގަމުންދިޔަ ތަޙުޤީޤެއްގައި އޭނާ ޝާމިލުވެދާނެކަމުގެ ބިރު އޮތުމާ ގުޅިގެންނެވެ.
މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިސްވަރަން ދޯހާއަށް ކުރި ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދިނުމުގައި އެހީތެރިވި ކަމަށްވެސް އޮންގް ވަނީ އިއުތިރާފްވެފައެވެ. މި ދަތުރުގެ އަގު 20,850 ސިންގަޕޫރު ޑޮލަރަށް އަރައެވެ.
ޖުމްލަ ގޮތެއްގައި، އިސްވަރަންއަށް 403,000 ސިންގަޕޫރު ޑޮލަރަށްވުރެ ގިނަ ފައސާގެ ހަދިޔާ، އަދި ވައިގެ ދަތުރުފަތުރާއި، ހޮޓަލުގައި ހުރުމާއި އަދި ފޯމިއުލާ 1 ގްރޭންޑް ޕްރިކްސްގެ ޓިކެޓްތައް އޮންގްގެ ފަރާތުން ލިބިފައިވާކަން ފާހަގަ ކޮސްފައި ވެއެވެ. އޮންގްއަކީ ސިންގަޕޫރަށް ފޯމިއުލާ 1 ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި ފަރާތެކެވެ.
އޮގަސްޓް 15 ގައި އޮންގްގެ މައްޗަށް ޙުކުމް އިއްވުމަށް ވަނީ ހަމަޖެހިފައެވެ. ކަށީގެ ކެންސަރު ޖެހިފައި ވުމާއެކު އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓަރުންނާއި އޭނާގެ ވަކީލުން ވަނީ ޖަލު ޙުކުމެއްގެ ބަދަލުގައި ޖޫރިމަނާއެއް ކުރުމަށް ހުށަހަޅާފައެވެ. އޮންގްއަށް ޖެހިފައި ވަނީ މަދުން ޖެހޭ ބާވަތުގެ ކަށީގެ ކެންސަރެކެވެ.





