އަޒްމިރާލްދާއާއި އާއިލާ މަރާލައިފައި އޮތީ ކާރު ތެރޭގައި

މެކްސިކޯގެ ޓިކްޓޮކް ތަރި އަޒްމިރާލްދާ ފެރިއަރ ގަރިބާއި (32 އަހަރު) އާއި އޭނާގެ ފިރިމީހާ ރޮބަރޓޯ ކާލޯސް (36 އަހަރު) އަދި އެ ދެމަފިރިންގެ ދެ ދަރިން ކަމުގައިވާ ގެއިލް (13 އަހަރު) އާއި ރެޖީނާ (7 އަހަރު) ކާރު ތެރޭގައި މަރާލާފައި އޮތްވައި ފެނިއްޖެއެވެ. މި ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ފޯޑް ރޭންޖަރ ޕިކަޕެއްގެ ތެރެއިންނެވެ.

މި އާއިލާ ވަނީ މަސައްކަތުގެ ބޭނުމަށް އެ ސަރަހައްދަށް ދާދި ފަހުން ބަދަލުވެފައެވެ. އަޒްމިރާލްދާގެ ފިރިމީހާ މަސައްކަތް ކުރަމުން އައީ މިޗުއަކާން ސްޓޭޓްގައި ކާރުގެ ވިޔަފާރި އާއި ދަނޑުވެރިކަމުގެ މަސައްކަތުގައެވެ. މިކަމާ ގުޅިގެން ތަހުގީގު ކުރަމުންދާ ފަރާތްތަކުން ބުނަނީ މިމީހުންގެ މަރާއި މަސްތުވާ ތަކެތީގެ ވިޔަފާރި ގޭންގްތަކާ ދެމެދު ގުޅުމެއް އޮވެދާނެ ކަމަށެވެ.

އަޒްމިރާލްދާ އަކީ ސޯޝަލް މީޑިއާގައި "އަޒްމިރާލްދާ އެފްޖީ" ގެ ނަމުން މަޝްހޫރު ބްލޮގަރެކެވެ. އޭނާގެ ޓިކްޓޮކް އެކައުންޓްގައި ދަތުރުފަތުރާއި، ފެޝަން އަދި ކުރު މިއުޒިކް ވީޑިއޯތައް ހިމެނޭ ގޮތަށް ތަފާތު ކޮންޓެންޓް ޝެއަރކޮށް، ގިނަ އަދަދެއްގެ ފޮލޯވަރުން ހޯދާފައި ވެއެވެ.

އެހެންނަމަވެސް، އޭނާގެ ބައެއް ޕޯސްޓްތަކުގައި މަސްތުވާތަކެތި ވިޔަފާރިކުރާ ފަރާތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭ ކޮންޓެންޓް ހިމެނޭކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި "ނާކޯކޮރިޑޯސް" އާ ގުޅުންހުރި މިއުޒިކް ބޭނުންކޮށްފައިވާ ވީޑިއޯތަކާއި، ގުއްޗީ އަދި ޑޮލްޗެ އެންޑް ގަބާނާ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ތަކެއްޗާއި، އަގުބޮޑު ކާރުތަކާއި، ރިސޯޓްތަކުގެ ޗުއްޓީތައް ދައްކުވައިދޭ މަންޒަރުތައް ހިމެނެއެވެ.

އިބްތިދާއީ ތަހުގީގުތަކުން ދައްކާ ގޮތުގައި މި އާއިލާ މަރާލާފައިވަނީ ކާރު މަރާމާތުކުރާ ވަރކްޝޮޕެއްގައެވެ. އެތަނުން ލޭގެ އަސަރުތަކާއި، ބެލިސްޓިކް ހެކިތައް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް، ކާފީ ކެހި ނެތުމުން އެމީހުން ދޫކޮށްލާފައިވެއެވެ. އެހެންނަމަވެސް، އެ ދެމީހުން ދޫކޮށްލުމަށްފަހު، އިތުރު ދެ މީހަކާއެކު އެމީހުން މަގު ހިނގާފައި ދަނިކޮށް، ހަތިޔާރު އެޅި ބަޔަކު އައިސް އޭގެ ތެރެއިން ތިން މީހުން ވަގަށް ނަގާފައި ވެއެވެ. އެކަކު ވަނީ ޖާނާއިގެން ސަލާމަތް ވެފައެވެ. ވަގަށް ނަގާފައިވާ މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!