ދުނިޔޭގެ ފެޝަން ދާއިރާގައި ރަސްކަން ކުރަމުން އައި އިޓަލީގެ ފެޝަން ޑިޒައިނަރު ޖޯރޖިއޯ އަރްމާނީ 91 އަހަރުގައި މަރުވެއްޖެއެވެ. އަރްމާނީ ފެޝަން ހައުސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ "އެލް ސިނިއޯރް އަރްމާނީ އޭނާގެ ލޮބުވެތި އާއިލާގެ މެންބަރުން ވަށައިގެން ތިއްބައި މަރުވެއްޖެ" ކަމަށެވެ. މިދިޔަ ޖޫން މަހުން ފެށިގެން ބަލި ބޮޑުވުމުގެ ސަބަބުން އަރްމާނީ ގްރޫޕްގެ ފެޝަން ޝޯއެއްގައި އޭނާ ބައިވެރި ވެފައެއް ނުވެއެވެ. މިކަމާ ގުޅިގެން އޭނާގެ ގިނަ ފޭނުންނާއި ފެޝަން އިންޑަސްޓްރީގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރްމާނީގެ މަރާއެކު، ލަގްޒަރީ ފެޝަންގެ ޒަމާނެއް ނިމުމަކަށް އައީއެވެ. މިލާނުގެ ރަންވޭތަކުން ފެށިގެން ހޮލިވުޑްގެ ރެޑް ކާޕެޓަށް އޭނާގެ ނުފޫޒު ފޯރާފައިވެއެވެ. މުހިންމު ފަރާތްތަކުގެ ހެދުން ޑިޒައިންކުރުމުން ފެށިގެން ދުނިޔޭގެ ސިނަމާގެ ރީތިކަން ދެއްކުމާ ހަމައަށް އޭނާ ވަނީ ބަދަލު ތައް ގެނަސްފައެވެ. އަދި އަރްމާނީގެ ލެގަސީ އަންނަން އޮތް ޖީލުތަކުގެ ޑިޒައިނަރުންނާއި ހުވަފެން ދެކޭ ފަރާތްތަކަށް މަގު ދައްކައިދޭ ދަންމަރެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް ފެޝަން އިންޑަސްޓްރީން ބުނެއެވެ.
އަރްމާނީގެ މިނިމަލިސްޓް އެލެގަންސް ޑިޒައިނުން ފެށިގެން ޒަމާންތަކަށް ދެމިގެންދާ ހެދުން ފެހުމުގެ މަސައްކަތަކާ ހަމައަށް، އޭނާ ވަނީ ޒަމާނީ ފެޝަނަށް އިންޤިލާބީ ބަދަލުތަކެއް ގެނަސްދީފައެވެ. އޭނާގެ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ސަބަބުން ދުނިޔޭގެ ފެޝަން ދާއިރާގައި ފާހަގަކޮށްލެވޭ ނަމަކަށް އޭނާ ވެގެން ދިޔައެވެ.






