ތޫނުސްގެ ޚަޒާނާ ލޫޓުވާލި ކުރީގެ ރައީސް ޒައިނުލް އާބިދީން ބިން އަލީގެ ދަރިކަނބަލުން ހަލީމާ ބިން އަލީ، ފްރާންސްގައި ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ތޫނުސް ސަރުކާރުގެ އެދުމުގެ މަތިން ނެވެ.
ހަލީމާ ހައްޔަރުކޮށްފައި ބެހެއްޓުމާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ފްރާންސްއިން ހާމަކޮށްފައެއް ނުވެއެވެ.
ޒައިނުލް އާބިދީން ބިން އަލީއަކީ 2011 ވަނަ އަހަރު ތޫނުސްގައި ފެށި އަރަބި ރަބީޢުގެ އުތުރި އެރުމަށްފަހު ގައުމުގެ ޚަޒާނާ ދޮވެލައިގެން ގިނަ އަދަދެއްގެ ފައިސާއާއި ރަނާއެކު ގައުމުން ފިލައިގެން ދިޔަ ރައީސެވެ. އޭނާ ފިލައިގެން ދިޔައީ ސައޫދީ އަރަބިއްޔާއަށެވެ. އޭނާގެ އާއިލާގެ ގިނަ މެންބަރުން މިހާރު ދިރިއުޅެމުން ގެންދަނީ ފްރާންސްގައެވެ.







