ޖަރުމަނުވިލާތުގެ ވޯޓްސްބާގް ޔުނިވަރސިޓީގެ ދިރާސާ ޓީމަކުން ވަނީ އަރިދަފުސް ރޯގާގެ ބާވަތް ދެނެގަތުމަށް ބޭނުން ކުރާ ޗުއިންގަމެއް އުފައްދައިފައެވެ. މި އައު އީޖާދު ގެ ސަބަބުން އަރިދަފުސް ރޯގާގެ ބާވަތް ދެނެގަތުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.
އެ ޔުނިވަރސިޓީގެ ފާމަސީ އަދި ބަޔޯފާމާގެ ޕްރޮފެސަރ ލޯރެންޒް މެއިނިލްގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު ދިރާސާގެ މައިގަނޑު މަޤްޞަދަކީ ބަލިތައް ދެނެގަތުމަށް ބޭނުންކުރާ އުނދަގޫ އާލާތްތަކުގެ ބަދަލުގައި، ފަސޭހައިން ބޭނުންކުރެވޭނެ ގޮތެއް ހޯދުމެވެ. "އަޅުގަނޑުމެން މިހާރު ވަނީ އާންމު ޓެސްޓިންގ ޑިވައިސްތަކުގެ ބަދަލުގައި ދުލުގެ ޒަރީއާއިން ބަލި ދެނެގަނެވޭނެ ގޮތަކަށް ބަދަލުތައް ގެނަސްފައި" ކަމަށް އޭނާ ވިދާޅުވިއެވެ.
އަރިދަފުސް ރޯގާ ދަނެގަންނަ މި ޗުއިންގަމްގައި ހިމެނޭ މޮލެކިއުލަރ ސެންސަރަކުން އިންފްލުއެންޒާ ވައިރަސް ގެ އަސަރު ހުރުމުން ޒަވި އާވި ރަހައެއް އަނގައިގެ ތެރެއަށް ދޫކޮށްލާނެއެވެ. މި ސެންސަރު ބިނާވެފައިވަނީ ނިއުރަމިނިޑޭޒް ނަމަކަށް ކިޔާ ވައިރަލް ޕްރޮޓީނެއްގެ މައްޗަށެވެ. މި މަސައްކަތުގައި އުޅުނު ދިރާސާ ޓީމުން ވަނީ ވައިރަސްގެ ޤުދުރަތީ ސަބްސްޓްރޭޓާއާ އެއްގޮތް މާއްދާއެއް އުފައްދައި، އޭގައި ޒަވި އާވި ރަހަ ހިމެނޭ މޮލެކިއުލްތައް އެއްކޮށްފައެވެ. އެހެންވެ، އަނގައިގެ ތެރޭގައި ވައިރަސް ހުރެއްޖެނަމަ، މި މޮލެކިއުލްތައް ދޫވާނެ އެވެ. އަދި، ދުލަށް އެ ރަހަ ދެނެގަނެވޭނެއެވެ.
ދިރާސާ ޓީމުން މި ސެންސަރު ޓެސްޓުކުރުމަށް އިންފްލުއެންޒާ ޖެހިފައިވާ މީހުންގެ ކުޅުގެ ސާމްޕަލްތަކެއް ބޭނުންކޮށްފައިވެއެވެ. އަދި 30 މިނެޓްގެ ތެރޭގައި އެމީހުންނަށް އާވި ރަހަ އިހުސާސް ކުރެވިފައި ވެއެވެ. ދެން ކުރިއަށް އޮތް މަރުހަލާގައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިންސާނުންނަށް ކްލިނިކަލް ޓްރަޔަލްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މިހާރު އިންފްލުއެންޒާ ދެނެގަތުމަށް ބޭނުންކުރަނީ ނޭފަތުން ނަގާ ސާމްޕަލްއެއް މެދުވެރިކޮށް ހަދާ އަވަސް ޓެސްޓުތަކެވެ. މި ޓެސްޓުތަކަށް އަގުހުރި މެޑިކަލް އާލާތްތައް ބޭނުންވެއެވެ. އެހެންނަމަވެސް، މި އައު ޗުއިންގަމް ބޭނުންކުރުމުން މިއަށްވުރެ ފަސޭހަ އަދި އަގު ހެޔޮ ގޮތެއްގައި ސާމްޕަލްތައް ނެގެއެވެ. ޚާއްޞަކޮށް ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ ހިރާސް މަތި ތަންތަނުގައި މި ޗުއިންގަމް ބޭނުންކުރުމަކީ ފައިދާހުރި ކަމެއް ކަމަށް ބެލެވެއެވެ.







