އެކަނި ދިރިއުޅޭ މީހުން ރެސްޓޯރެންޓުން ކާއިރު ބައިވެރިއެއް ލިބޭނެ

އެކަނި ތިބެގެން ކާން ޖެހިލުންވާ މީހުންނަށް އަމާޒުކޮށް، ސްޕެއިންގެ ރެސްޓޯރެންޓަކުން ވަނީ ވިޔަފާރިއަށް އާ އުކުޅެއް ތަޢާރަފުކޮށްފައެވެ. ގޭގޭގައި އެކަނި ދިރިއުޅޭ މީހުންނަށް ވެސް އަމާޒުކޮށްގެން ފަށާފައިވާ ކެމްޕޭންގައި ރެސްޓޯރެންޓުން ކާއިރު އެކަނިވެރިކަމާއި ލަދުވެތިކަން ފިލުވައިދިނުމަށް ތަޢާރަފުކޮށްފައިވާ މި އުކުޅަކީ، ކާން އިންނަ ވަގުތު މާސިންގާ ޓެޑީ ބެއާއެއް އެމީހުންގެ ބައިވެރިންގެ ގޮތުގައި ބޭތިއްބުމުގެ އުކުޅެކެވެ.

މި ރެސްޓޯރެންޓުން ވަނީ އިންސާނުންގެ ސައިޒަށް ހަދާފައި ހުންނަ، ޓެޑީ ބެއާތަކެއް ކަސްޓަމަރުންނާއެކު ޓޭބަލްގައި ބައިންދާ ގޮތަށް ހަމަޖައްސާފައެވެ. މިއީ އެކަނިވެރިކަން ފިލުވައިދޭން ކުރާ މަސައްކަތެއް ކަމަށް ބުނެފައި ވެއެވެ.

އަމިއްލަ އުފެއްދުމުގެ ދާއިރާގެ މާހިރެއް ކަމަށްވާ ނާދިޔާ އޯ ބޮއި "މެޓްރޯ" ނޫހަށް ދެއްވި ބަޔާނެއްގައި ކިޔައި ދިން ގޮތުގައި، އެކަނި ތިބެގެން ކާން ޖެހިލުންވާ ސަބަބު ދެނެގަތުމަކީ މުހިންމު ކަމެކެވެ. އޭނާ ބުނި ގޮތުގައި ގިނަ ބަޔަކު އެކަނި ތިބެގެން ކާން ޖެހިލުންވަނީ އެކަނި ކެއުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި މުޖުތަމައުން ދެކޭތީއެވެ.

މި އައު ވިޔަފާރި އުކުޅާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ވަނީ ބަހުސްކޮށްފައެވެ. ކަސްޓަމަރުންނާއެކު ޓެޑީބެއާތައް ބައިތިއްބައިގެން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ބައެއް މީހުން މިކަމަށް ތާއީދުކުރާއިރު، އަނެއްބައި މީހުން ވަނީ މިކަމަށް މަލާމާތް ކޮށްފައެވެ. ނަމަވެސް މި އިސްނެގުމަކީ އެކަނި ކާން ތިބުމަށް ޖެހިލުންވާ މީހުންނަށް ހިތްވަރު ލިބޭނެ ކަމެއްގެ ގޮތުގައި ބަޔަކު ފާހަގަކުރެއެވެ. އަދި މިފަދަ އުކުޅުތަކަކީ މުޖުތަމައުގެ ވިސްނުން ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބުނެ އަނެއް ބަޔަކު ވަނީ އެކަން ދިފާއުކޮށްފައެވެ.

ހިއްސާ ކުރައްވާ!