ޖަމާލު ޢަބްދުއްނާސިރުގެ އަތުކުރީ ގަޑިއެއް ނީލަމުގައި

މިސްރުގެ ކުރީގެ ލީޑަރު ޖަމާލު ޢަބްދުއް ނާޞިރުގެ އަތުކުރީ ގަޑިއެއް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ. މަދުން ނޫނީ ނުފެންނަ ވައްތަރުގެ މި ގަޑި ނީލަމުގައި ވިއްކާނީ ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ މަޝްހޫރު ފިލިޕްސް ނީލަން ފިހާރައިން އިންތިޒާމްކުރާ ދުނިޔޭގެ ފެންވަރުގެ ނީލަމެއްގަ އެވެ.

18 ކެރެޓްގެ ރޯޒް ގޯލްޑް ރޮލެކްސް ޑޭ-ޑޭޓް މަރުކާގެ މި ގަޑިއަކީ ތާރީޚީ ގޮތުން ޚާއްސަ އަގުހުރި ގަޑިއެކެވެ. މި ގަޑިއަކީ ކުވައިތުގެ ކުރީގެ މިނިސްޓަރު ފަހަދު އައްސާލިމް އަލްސަބާހު މިސްރުގެ ލީޑަރު އަބްދުލް ނާސިރަށް ދެއްވި ހަދިޔާއެކެވެ.

ނާޞިރު ވަނީ ދުވަސްކޮޅަކަށް ބޭނުން ކުރެއްވުމަށް ފަހު، މިސްރުގެ އަހުލީ ފުޓްބޯލް ކުލަބްގެ ކުރީގެ ރައީސް އަދި 1948 އާއި 1952 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވި ފެންސިން ޗެމްޕިއަން ސަލާހު އައްދުސޫޤީ ޝަޝްތާވީއަށް ހަދިޔާ ކުރައްވާފައެވެ. ޝަޝްތާވީ، 2011 ވަނަ އަހަރު މަރުވުމަށްފަހު އެ ގަޑި ވާރުތަ ވެފައި ވަނީ އޭނާގެ ކާފަދަރިފުޅަށެވެ. އަދި ނީލަމުގައި ވިއްކާލަނި އެފަރާތުންނެވެ.

ފިލިޕްސް ނީލަން ފިހާރައިން ބުނާ ގޮތުގައި އޭގެ އަގަކީ 50،000 ސްވިސް ފްރާންކް ނޫނީ 62،000 ޑޮލަރާ އެއްވަރުގެ އަގެއް ކަމަށެވެ.

ފިލިޕްސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ގަޑިއަކީ ހަމައެކަނި ލަގްޒަރީ އެއްޗެއް ނޫން ކަމަށާއި އެއީ، "މިސްރާއި މެދުއިރުމަތީގެ އެންމެ މުހިންމު އެއް ޒަމާނުގެ ތާރީހާއި ބަދަލުގެ ދިރިހުރި ހެކިތަކެއް" ކަމަށެވެ.

މިއީ ރައީސް އަބްދުލް ނާސިރުގެ ގަޑިއެއް ބައިނަލްއަގްވާމީ ނީލަމެއްގައި ހުށަހެޅޭ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް އޭނާއަށް ނިސްބަތްވާ އެހެން ގަޑިއެއް ނިއުޔޯކުގެ ސޮތޭބީސްގައި ވިއްކާފައި ވެއެވެ. އެގަޑި ވިއްކާފައި ވަނީ 840،000 ޑޮލަރަށެވެ. އެއީ އޭނާގެ ކާފަދަރިފުޅު ޚާލިދު އަބްދުލް ނާސިރު ހުށަހެޅުއްވި ގަޑިއެކެވެ. ޚާލިދުއަށް އެގަޑި ވާރުތަވީ އޭނާގެ މަންމަ ތަހިއްޔާ ކާޒިމް އޭނާގެ ބައްޕައަށް ހަދިޔާއަކަށް އެގަޑި ދިނުމުންނެވެ.

ހިއްސާ ކުރައްވާ!