ޝަރީއަތެއް ނެތި ދިހަ އަހަރު ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، ލީބިޔާގެ މަރުހޫމް ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލެއް ކަމަށްވާ ހަނީބާލް ގައްޒާފީ ދޫކޮށްލުމަށް ލުބުނާނުގެ ޝަރުއީ ދާއިރާއިން ވަނީ ހުކުރު ދުވަހު އަމުރުކޮށްފަ އެވެ. ލީބިޔާގައި، 2011 ވަނަ އަހަރު ގަތުލުއާންމެއްގައި މުއައްމަރު ގައްޒާފީ ވެރިކަމުން ދުރުކުރިއެވެ. އަދި އެހަމަނުޖެހުމުގެ ތެރޭގައި ޤައްޒާފީ އަވަހާރަކޮށްލެވުނެވެ. އޭގެ ފަހުން އޭނާގެ އާއިލާގެ މެމްބަރުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ދިމަދިމާއަށް ފެތުރިފައެވެ. މިއީ އޭނާގެ ބެފުޅުންގެ ތައާރަފެކެވެ.
![]()
ހަނީބަލް ގައްޒާފީ: ހަނީބަލް ގައްޒާފީގެ އުމުރަކީ މިއަދު 49 އަހަރެވެ. ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ޝަރީއަތެއް ނެތި މިހާތަނަށް އޭނާ ބަންދުގައި ބަހައްޓާފައި ވެއެވެ. އޭނާގެ ބައްޕަ ވެރިކަމުގައި ހުންނަވަނިކޮށް 1978 ވަނަ އަހަރު ލީބިޔާގައި ގެއްލުނު ޝިޢީ ދަންނަބޭލަކެއް ކަމަށްވާ މޫސާ އައްޞަދުރުގެ މައްސަލައިގެ މައުލޫމާތު ލުބުނާނުން ދަނީ ހަނީބާލްގެ އަތުން ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ލުބުނާނުގެ ކޯޓަކުން ވަނީ 11 މިލިއަން ޑޮލަރުގެ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް ހުކުރު ދުވަހު އަމުރުކޮށްފަ އެވެ.
![]()
ސައިފުލްއިސްލާމް ގައްޒާފީ އަކީ އޭނާގެ ބައްޕަގެ ވެރިކަމުގައި ވަލީއަހުދު ކަމަށް ބެލެވުނު ދަރިކަލުންނެވެ. އުމުރުން 53 އަހަރުގެ ސައިފުލްއިސްލާމް އަށް މަޝްހޫރުކަން ލިބިފައި ވަނީ މެދުމިނުގެ ސިޔާސީ އިސްލާހީ ވެރިއެއްގެ ގޮތުގައެވެ. އޭގެ ކުރިން އޭނާގެ ނަން ކިލަނބުވެގެން ދިޔައީ ލީބިޔާގައި އަހުލީހަނގުރާމަ ފެށުނުއިރު "ލޭގެ ކޯރުތައް އޮހޮރުވާލާނެމަށް" އިންޒާރު ދިނުމުންނެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އޭނާ ހޯދަމުންދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައެވެ.
އަހުލީ ހަނގުރާމައިގައި ލީބިޔާގެ ދެކުނު ސަރަހައްދުން އޭނާ ހައްޔަރުކޮށް، ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޒިންތާންގައި އަހަރުތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓި އެވެ. އޭނާއަށް އަފޫއާންމެއްގެ ކުރިން 2015 ވަނަ އަހަރު ޝަރީއަތް ކޮށް މަރުގެ ނިޔާ ކަނޑައެޅިއެވެ. އޭނާ މިހާރު ހުރި ތަނެއް ނޭނގެއެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އޭނާ ކުރިމަތިލާފައި ވެއެވެ. އަދި އޭނާއަށް ކުރީގެ ވެރިކަމަށް ސަޕޯޓު ކުރާ ފަރާތްތަކުން ތާއީދު ދީފައި ވެއެވެ. ނަމަވެސް މި އިންތިޚާބު ބޭއްވިފައެއް ނުވެއެވެ.
އައިޝާ ގައްޒާފީ އާއި އޭނާގެ މަންމަ: ގައްޒާފީގެ އަންހެން ދަރިކަނބަލުން އައިޝާ އަކީ ގާނޫނީ ވަކީލެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރު އޭނާގެ މަންމަ އާއި އޭނާގެ އެއް ބޭބެއާ އެކު އަލްޖީރިއާއަށް ފިއްލަވައިގެން ގޮސްފައެވެ. އަދި ފަހުން އޮމާނަށް ދިރިއުޅުން ބަދަލުކުރައްވައި އޮމާނުން ސިޔާސީ ހިމާޔަތް ހޯއްދަވާފަ އެވެ. ގައްޒާފީގެ ހުވަފަތް އަނބިކަނބަލުން، ސަފިއްޔާ ފަރުކާޝް އުޅުއްވަނީ މިސްރާއި އޮމާނާ ދޭތެރޭ ދަތުރުކުރެއްވުމުގައެވެ.
![]()
ސާޢިދީ ގައްޒާފީ އަކީ 1973 ވަނަ އަހަރު އުފަންވި ބޭފުލެކެވެ. އޭނާއަކީ ފުޓްބޯޅަ ކުޅުންތެރި އެކެވެ. ނަމަވެސް އިސްރާފު ބޮޑު ދިރިއުޅުއްވި އުޅުއްވި ދަރިކަލެކެވެ. ޤައްޒާފީގެ ވެރިކަން ވެއްޓުމަށް ފަހު އޭނާ ނައިޖަރަށް ފިއްލަވައިގެްނ ވަޑައިގަތެވެ. އަދި ޤައްޒާފީގެ ދެކޮޅުވެރިން ނައްތާލާނެ ކަމަށް އިންޒާރު ދެއްވުމާއެކު ލީބިޔާއިން އިހުތިޖާޖު ކުރުމުން އޭނާ ގޭގެ ބަންދުގައި ބެހެއްޓިއެވެ.
ފަހުން ސާޢިދީ ގައްޒާފީ ލީބިޔާއާ ހަވާލުކުރުމުން އޭނާ ޖަލަށް ލިއެވެ. އަދި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަލުން މިނިވަން ވުމަށްފަހު އޭނާ ވަނީ ތުރުކީއަށް ވަދައިގެންފައެވެ.
1975 ވަނަ އަހަރު އުފަންވެވަޑައިގަތް މުޢުތަސިމް ގައްޒާފީ އަކީ ޤައްޒާފީގެ ސަރުކާރުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލިސްގެ ރައީސް އެވެ. އޭނާއަކީ މެޑިކަލް ޑޮކްޓަރެކެވެ. އަދި ސިފައިންގެ އޮފިސަރެއް ވެސް މެއެވެ. އޭގެ އިތުރުން އާއިލާގެ ތެރޭގައި ސައިފުލް އިސްލާމްއާ ވެރިކަމަށް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ސިރުތުގައި އޭނާގެ ބައްޕައާއެކު އަތުލައިގަތެވެ. އަދި އަވަހާރަކޮށްލެވުނެވެ. އޭނާ ފަސްދާނުލެވިފައިވީ ތަނެއް ނޭނގޭ ތަނެއްގައެވެ.
ބެންޣާޒީގައި ކުރިއަށްދިޔަ ހަތިޔާރު އެޅި ހަމަލާތައް ކޮންޓްރޯލު ކުރުމަށް މުހިންމު ދައުރެއް އަދާކުރެއްވި ޚަމީސް ގައްޒާފީ ވަނީ ޠަރާބުލުސްގެ ސިފައިންގެ ބާރެއް ކޮމާންޑް ކުރައްވާފައެވެ. އޭނާ އަވަހާރަވިކަން އިއުލާން ކުރީ 2011 ވަނަ އަހަރު އެވެ.
މުޢައްމަރު ޤައްޒާފީ ކުރިން ކުރެއްވި އެހެން ކައިވެންޏަކުން ދޮށީ ފިރިހެން ދަރިފުޅެއް ލިބިވަޑައިގެންފައި ވެއެވެ. މުހައްމަދު ޤައްޒާފީއަކީ ލީބިޔާގެ ކުރީގެ ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އިސްވެރިޔާއެވެ. ސަރުކާރު ވެއްޓުމަށްފަހު އޭނާ ފުރަތަމަ ހިމާޔަތް ހޯއްދެވީ އަލްޖީރިއާގައެވެ. އޭގެ ފަހުން އޭނާ ވަނީ އޮމާންއަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ.







